ލާމަރުކަޒީ ގާނޫނުގެ އަސާސުތަކާއި ޚިލާފަށް ސަރުކާރުން ކަންކަން ކުރުމުގެ ވިސްނުމެއް ނެތްކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ހއ. ފިއްލަދޫގެ އިޚްތިޞާޞްގެ ދަށުން ދައްޕަރު ވަކި ކުރުމާގުޅިގެން އެކަމާއި ފިއްލަދޫ ކައުންސިލާ އެއްވެސް މަޝްވަރާއެއްކޮށްފައިނުވާތީ އުފެދިފައިވާ ކަންބޮޑުވުމާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ދައްޕަރަކީ ރިއަލްއެސްޓޭޓް ޓޫރިޒަމަށް ތަރައްގީ ކުރާ ރަށެއްކަމެވެ.

Ad
rt

ކުރީ ސަރުކާރުތަކުން ވެސް އެ ރަށުގައި ޓޫރިޒަމް ތަރައްގީ ކުރުމަށް ނިންމާ އަދި އެކަން ނުވެއޮތް ރަށެއްކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، މި ސަރުކާރުގެ ވިސްނުމުގައި ހުރީ ދައްޕަރުގައި ޓޫރިޒަމް އާ ޕްރޮޑަކްޓެއް ޑިވެލޮޕް ކުރުމަށް ކަމަށެވެ.

"ރިއަލްސްޓޭޓް ޓޫރިޒަމްގެ ގޮތުގައި ވިސްނައިގެން ޑިވްލޮޕްކުރަން މަސައްކަތްކުރާ އެއްރަށް ދައްޕަރަކީ، ކޮންމެސް ވަރަކަށް ކައުންސިލާވާހަކަ ދެއްކިފައޭ ބައެއް މިނިސްޓްރީތަކުން ބުނަނީ، ކައުންސިލް ރައީސާވެސް، އެހެންނަމަވެސް އެ ބޭފުޅުން ފާހަގަކުރައްވާ އެއްކަމަކީ ޕަބްލިކްކޮންސަލްޓޭޝަން ލެވެލްގައި އިތުރަށް އެންގޭޖްމަންޓް ހަދަން ބޭނުވާކަމަށް އަދި ނެހެދިހުރި ކަމަށް،" މަބްރޫކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސަރުކާރުންވެސް ދެކިވަޑައިގަންނަވަނީ އިތުރަށް އެ މަޝްވަރާ ކުރެވެންޖެހޭނެ ކަމަށް ކަމަށެވެ. އަދި ރައީސް އޮފީހުން ވެސް މިހާރު ފިއްލަދޫ ކައުންސިލާ މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަމުގައި މަޝްވަރާކުރެވިގެން ކުރިއަށް ދާނީ، އަޅުގަނޑުމެން ލާމަރުކަޒީ ގާނޫނުގައި ހުރި އަސާސްތަކާއި ޚިލާފަކަށް ކަމެއްކުރުމުގެ ވިސްނުމެއްހަމަނެތް، އެހެންވީމަ ދައްޕަރުގެ އިޝޫގައި ހަމަކައުންސިލުން މަޝްވަރާކޮށް ގޮތް ނިންމާނީ" މަބްރޫކް ވިދާޅުވިއެވެ.

ދައްޕަރު މައްސަލާގައި ފިއްލަދޫ ކައުންސިލާއި އަދި އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުމަށް ސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަޙްމަދު ހަމްދާން ވެސް މިއަދު ވަނީ ވިދާޅުވެފައެެވެ.

ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ޙަސަން މިއަދު “ތިލަދުން”އަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ހަމްދާން އިއްޔެ ވެސް، މިއަދު ވެސް ދައްޕަރުގެ މައްސަލާގައި އޭނާއަށް ގުޅުއްވިކަމަށާއި، ރައްޔިތުންނާއި ދެކޮޅަށް ރައީސުލް ޖުމްޙޫރިއްޔާ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިކަމަށް ފަތުޙުﷲ ވިދާޅުވިއެވެ.

https://thiladhun.wonstasite.com/71629

ފިއްލަދޫ ކައުންސިލްގެ އިހްތިސާސް އިން ދައްޕަރު ވަކިކުރީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިދިޔަ އާދިއްތަ ދުވަހުއެވެ. ނަމަވެސް ދައްޕަރަކީ ފިއްލަދޫއާ އެއް ފަސްގަނޑަކަށް އޮންނަ ފިއްލަދޫގެ އުތުރުބައެވެ.

އެކަމާ ގުޅިގެން ފިއްލަދޫ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދައްޕަރަކީ ކައުންސިލްގެ މުދާވެސް ހުރިތަނެއް ކަމަށާއި، އަދި އެކަމާއިގުޅިގެން ރައްޔިތުންގެ ޝަކުވާތަކާއި ނުތަނަވަސްކަން ލިބެމުންދާތީ އެކަމާ ގުޅިގެން ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ކަމަށެވެ.

އެހެންވެ ކައުންސިލުގެ މަޝްވަރާއެއްނެތި “ފިއްލަދޫދައްޕަރު” ފިއްލަދޫގެ އިޚްތިޞާޞްއިން ވަކިކުރިކުރުން، ހިނގާދިޔަގޮތް އޮޅުންފިލުވުމަށްޓަކައި ކައުންސިލްގެ ފަރާތުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއި، މިކަމާއި ގުޅުންހުރި އެންމެހައި މުއައްސަސާތަކުން މަޢުލޫމާތު ސާފުކުރަމުން ގެންދާނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.