ހއ. ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގައި ދައްޕަރު ބާއްވައިގެން އެތަން ތަރައްގީކުރުމުގައި، އެއްވެސް ހުރަހެއް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށް ފިއްލަދޫ ކައުންސިލުން ބުނެފިއެވެ.

ފިއްލަދޫ ކައުންސިލްގެ އިހްތިސާސް އިން ދައްޕަރު ބޭރުކޮށްލީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިދިޔަ އާދިއްތަ ދުވަހުއެވެ. އެކަމަކު ދައްޕަރަކީ ފިއްލަދޫއާ އެއް ފަސްގަނޑަކަށް އޮންނަ ފިއްލަދޫގެ އުތުރުބައެވެ.

Ad
rt

އެކަމާ ގުޅިގެން ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ދައްޕަރަކީ ކައުންސިލްގެ މުދާވެސް ހުރިތަނެއް ކަމަށެވެ. އަދި އެކަމާއިގުޅިގެން ރައްޔިތުންގެ ޝަކުވާތަކާއި ނުތަނަވަސްކަން ލިބެމުންދާތީ އެކަމާ ގުޅިގެން ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ކަމަށެވެ. އެހެންވެ ކައުންސިލުގެ މަޝްވަރާއެއްނެތި "ފިއްލަދޫދައްޕަރު" ފިއްލަދޫގެ އިޚްތިޞާޞްއިން ވަކިކުރިކުރުން، ހިނގާދިޔަގޮތް އޮޅުންފިލުވުމަށްޓަކައި ކައުންސިލްގެ ފަރާތުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއި، މިކަމާއި ގުޅުންހުރި އެންމެހައި މުއައްސަސާތަކުން މަޢުލޫމާތު ސާފުކުރަމުން ގެންދާނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

މީގެ އިތުރަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ އަސާސްތައް ނެގެހެއްޓުމަށް ކައުންސިލަށް ލާޒިމްކުރާ ރައްޔިތުންގެ މަޝްވަރާއާއި ޙިޔާލް އަދި ރައްޔިތުންނާއި ގާތުން ކަންކަން ހިއްޞާކުރުމަށް ކައުންސިލްތަކަށް މަތިކޮށްފައިވާ ޤާނޫނީ ވާޖިބު މި ކައުންސިލުން، ރައްޔިތުންގެ ޙައްޤުގައި ފުރިހަމަޔަށް އަދާކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ. އަދި ދައްޕަރު އަލުން ފިއްލަދޫގެ ކައުންސިލްގެ އިހްތިސާސްގައި ހިމަނާދިނުމަށް ގޮވާލާފައިވެއެވެ.

ބަޔާނުގައި ބުނީ ފިއްލަދޫ އުތުރު (ދައްޕަރު) ބަޔަކީ ފިއްލަދޫ އާއި އެއްބިމުން ގުޅިފައިވާ އެއްފަޅެއް އޮތް މިހާރު ފިއްލަދޫގައި ދިރިއުޅޭ ރައްޔިތުންނާއި، ފިއްލަދޫގެ ތާރީޚާއި ވަރަށް ބޮޑަށް ގުޅިފައިވާ ސަރަހައްދެއްކަމަށެވެ. އަދިފިއްލަދޫ އުތުރުބަޔަކީ ފިއްލަދޫގެ ކާބަފައިން އެންމެފުރަތަމަ ދިރިއުޅުނު ބައިކަމުގައި ތާރީޚް ބުނުމާއި، މިހާރުވެސް އެސަރަހައްދުގައި ފެންނަން އޮތް ޤަބުރުސްތާނުން އެކަމަށް ހެކިދޭއިރު، އެސަރަހައްދުގައި ކޮންމެ މަޝްރޫޢުއެއް ހިންގިކަމުގައި ވިޔަސް އާސާރުތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި، ތާރީޚާއި ތަރިކަ ހިމާޔަތް ކުރުމަކީ މިކައުންސިލުން ކޮންމެހެން ކުރަންޖެހޭނެ ކައުންސިލްގެ މައްޗަށް ޤާނޫނު ލާޒިމްކުރާ ކަމެއްގެ ގޮތުގައި މިކައުންސިލުން ދެކޭ ކަމަށެވެ.

ފިއްލަދޫ ކައުންސިލްގެ އިހްތިސާސް އިން ދައްޕަރު ބެރުކޮށް ރައީސް ނެރުއްވި ގަރާރުގައި ވަނީ ދައްޕަރަކީ ރިސޯޓެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އެކަމަކު ސަރުކާރުން އެތަނުގައި ރިސޯޓެއް ގާއިމްކުރަން ނިންމި ނަމަވެސް އަދި އެ މަސައްކަތް އެއްވެސް ބަޔަކާ ހަވާލުކޮށްފައެއް ނުވެއެވެ. އެ މަސައްކަތަށް މިދިޔަ އޭޕްރިލް މަހު ބިޑަށް ހުޅުވާލި ނަމަވެސް އެއްވެސް ފަރާތަކުން ބިޑުކޮށްފައެއް ވެސް ނުވެއެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވަނީ އެތަނުގައި އެހެން ޕްލޭންތަކެއް ހުރިކަން ރައްޔިތުންގެ މަޖިލީހުގައި ހާމަކުރައްވާފައެވެ. އެގޮތުން ހއ. ދައްޕަރުގައި ވިލާ އަދި އެޕާޓްމެންޓްތައް އެޅުމުން، އެތަންތަން ގަންނަ ފަރާތްތަކަށް ރެސިޑެންސް ވިސާ ދިނުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅެމުން އަންނަކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.