އަންނަ މަހު 15 ވަނަ ދުވަހުން ފެށިގެން ވެމްކޯއިން ކުނި ނަގާ އުސޫލަށް ބަދަލު ގެންނަން އެ ކުންފުނިން ނިންމައިފިއެވެ.

ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ވެމްކޯއިން ވަނީ މަގުމައްޗަށް ކުނި ނެރުމަށް ގޭބިސީތަކަށް އަންގައިފައެވެ.

Ad
rt

ނަމަވެސް އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކުނިބަހައްޓަން ޖެހޭނީ އެ އިމާރާތެއްގެ އެންމެ ތިރީ ފްލޯގައެވެ.

ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ މުވައްޒަފުންނަށް އިމާރާތުގެ ތިރީ ބަޔަށް ވަދެވޭ ގޮތް ހަދާފައި ހުންނަން ޖެހޭނެ ކަމަށެވެ. އަދި ގެތަކުން ކުނިނެރެން ޖެހޭނީ ހަވީރު 6:00 އާއި ރޭގަނޑު 7:00 ދޭތެރޭގައި ކަމަށާއި ވެމްކޯ މުވައްޒަފުން ކުނި ނެގުމުގައި އުޅޭނީ ރޭގަނޑު 8:00-11:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށްއެ ކުންފުނިން ބުންޏެވެ.

ވެމްކޯއިން ބުނީ މި އުސޫލަށް އަމަލު ކުރަން ފެށުމުން މަގުމައްޗަށް ކުނި ނެރުން މަނާ ވާނެ ކަމަށެވެ. ވެމްކޯއިން ކުނި ނަގާނީ ރަޖިސްޓްރީކޮށްފައިވާ ގޭބިސީތަކުންއެކަނި ކަމަށް އެ ކުންފުނިން ބުންޏެވެ.

އެހެންކަމުން ހުރިހާ ގޭބިސީތަކުންވެސް ރަޖިސްޓްރީވުމަށް އެކުންފުނިން އެދެއެވެ.