ބިމުކުލި ނުދައްކައިގެން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ މިލިއަނެއްހާ ރުފިޔާގެ “ދަރަނި” ބޭންކަ އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ދައްކައިފި އެވެ.

ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާތިފް “ތިލަދުން” އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިފައިސާ އެކައުންސިލަށް ދައްކާފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށެވެ.

Ad
rt

މޭޔަރު ވިދާޅުވީ ބީއެމްއެލް އިން ދައްކާފައިވަނީ, -/929600 (ނުވަ ލައްކަ ނަވާވީސް ހާސް ހަސަތޭކަ) ރުފިޔާ ކަމަށެވެ. ބީއެމްއެލްއިން މިފައިސާ ދައްކާފައިވަނީ ސިޓީ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރަން އޮތް ރޭގެ މެންދުރުގެ ވަގުތެއްގަ އެވެ.

މިފައިސާ ނުލިބި ގިނަ ދުވަސް ވެފައިވާތީ މިފައިސާ ހޯދުމަށް ކައުންސިލުން ކުރަނީ ކޮންކަމެއްތޯ ސާފުކުރުމަށް ބައެއް ފަރާތްތަކުން އައީ ކައުންސިލްއާއި މީގެ ކުރިންވެސް ސުވާލު ކުރިމަތި ކުރުވަމުންނެވެ.

ކުޅުދުއްފުށި ކައުންސިލްގެ ކުރީގެ ރައީސް އަބްދުލް ލަތީފު ހަސަން މީގެ ކުރިން ތިލަދުން އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ މިހާރު ބީއެމްއެލް އިމާރާތް ހުރި ބިމުގެ ކުލި ނުދައްކާ ދެ އަހަރެއްހާ ދުވަސް ފާއިތުވުމުން އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެވުމާއި ގުޅިގެން ކައުންސިލްގެ އެ ދައުރުގައި ނުދައްކާހުރި ކުލި ދައްކާފައިވާ ކަމަށެވެ. ކުލި ނުދައްކާ ހުރުމުން އޭރު މިލިއަނެއްހާ ރުފިޔާގެ ޖުރިމަނާ އަރާފައިވާކަމަށް ލަތީފް ވިދާޅުވެފައިވެއެވެ.

ޖޫރިމަނާގެ ފައިސާ މާފުކޮށްދިނުމަށް ބީއެމްއެލްއިން ވަނީ ކައުންސިލްގައި އެދިފަ އެވެ. ނަމަވެސް ކުރީގެ ކައުންސިލާއި މިހާރު އޮތް ސިޓީ ކައުންސިލުންވެސް ޖޫރިމަނާގެ ފައިސާ މާފުކޮށްދިނުމަށް ވަނީ ދެކޮޅު ހަދާފަ އެވެ. މި ޖޫރިމަނާގެ ފައިސާ ހޯދުމަށް ކުރީ ކައުންސިލުންވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މިކަމާއި ގުޅިގެން ބީއެމްއެލްގެ ބަހެއް ހޯދުމަށްކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.

ގައުމީ ބޭންކް ބީއެމްއެލްއިން ކުޅުދުއްފުށީ ރައްޔިތުންނަށް ދައްކަންޖެހޭ ދަރަނި ދައްކާ ހަލާސްކޮށްފައިވާއިރު މި އަހަރުގެ ދެވަނަ ކުއާޓާގައި ބީއެމްއެލްގެ ފައިދާއަށް 38 ޕަސެންޓްގެ ކުރިއެރުމެއް ވަނީ ލިބިފަ އެވެ. އެ ކުންފުންޏަށް ފައިދާ އިތުރުވީ ކޮވިޑްގެ ދަތިކަމަށް ފަހު އެކި ދާއިރާތަކުން ލޯނު ފައިސާ ފުރިހަމައަށް ލިބެން ފެށުމުގެ ސަބަބުންނެވެ.

ބީއެމްއެލްގެ ކުއާޓާލީ ރިޕޯޓުގައިވާ ގޮތުން މިދިޔަ ކުއާޓާގައި އެކުންފުންޏަށް 496 މިލިއަން ރުފިޔާގެ ފައިދާއެއް ވަނީ ލިބިފަ އެވެ. އަދި ޓެކްސްއަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 299 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ފުރަތަމަ ކުއާޓާގައި ވެސް ބީއެމްއެލްއަށް ވަނީ މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިފަ އެވެ. ފައިދާގެ ގޮތުގައި 357 މިލިއަން ރުފިޔާ ލިބުނެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ވުރެ 23 ޕަސެންޓްގެ ކުރިއެރުމެކެވެ.

ބީއެމްއެލް ކުޅުދުއްފުށީ ބްރާންޗު ހުޅުވާފައިވަނީ 29 ޑިސެމްބަރ 1991 ގައެވެ. އޭޓީއެމްގެ ހިދުމަތް ދޭންފެށީ 20 ޖޫން 2007 ގައެވެ.