ކ. ރަސްފަރި ފަރަށް މުދާ އުފުލާ ކާގޯ ބޯޓެއް އުރުނު މައްސަލަ ފުރިހަމައަށް ތަޙްޤީޤުކޮށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް
ދިވެހި ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ހުށަހަޅުއްވާފައިވާ މި މައްސަލާގައި ވިދާޅުވެފައި ވަނީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރަމުންދިޔަ، ޕެނަމާ ބޯޓެއްކަމުގައިވާ "ނެވިއޯ އަމަރީލިސް" ނަމަކަށް ކިޔާ ބިޔަ އާގުބޯޓު، 17 އޮގަސްޓު 2021 ގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަދެފައިވާ ކަމަށެވެ.

Ad
rt

އަދި، 18 އޮގަސްޓު 2021 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި މާލެ އަތޮޅު ރަސްފަރި ފަރުގެ 17 ނޯޓިކަލް މޭލު ދުރުގައި އޮއްވައި އެ ބޯޓުގެ އިންޖީނު ހުއްޓި، 19 އޮގަސްޓު 2021 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެ ބިޔަ ބޯޓު ރަސްފަރީ ފަރަށް އަރާފައިވާ ކަމަށް އެ މައްސަލާގައި ވިދާޅުވެފަވެއެވެ.

މި ބޯޓު ފަރަށް އެރިޔަ ނުދިނުމަށް އެ ބޯޓުގެ ކެޕްޓަން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށާއި، އެ ހާދިސާ ދިވެހި ކޯސްޓްގާޑަށް ނުވަތަ ކަމާގުޅޭ އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާ ކަމަށް ވެސް އެ މައްސަލާގައި ވިދާޅުވެފަވެއެވެ.

ރަސްފަރީ ފަރަކީ ގުދުރަތީ ގޮތުން ރީތި އަދި ޙިމާޔަތްކޮށްފައިވާ ސަރަޙައްދަކަށްވެފައި، އެ ބޯޓު ފަރަށް އަރާފައިވާއިރު ދިވެހިރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކަށް އެ ހާދިސާ ހިނގާފައިވާކަން ނޭނގި އޮތްއޮތުމުގެ ސަބަބުން އެ ސަރަޙައްދުގެ ތިމާވެށި ބޮޑު ނުރައްކަލަކަށް ހުށަހެޅިފައިވާކަމަށް ވެސް އެ މައްސަލާގައި ފާހަގަކުރައްވާފަވެއެވެ.

އެ މައްސަލަ ހުށަހަޅަމުން މެންބަރު ރާޢީ އިތުރަށް ވިދާޅުވެފައި ވަނީ، މިފަދަ ހާދިސާތަކަކީ ޤައުމުގެ ސަލާމަތަށްވެސް އޮތް ބޮޑު ނުރައްކަލެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.

"އެހެންކަމުން މި ހާދިސާއަކީ ކިހިނެއް ކޮންގޮތަކަށް ހިނގާފައިވާ ހާދިސާއެއްތޯ ބަލައި ފުރިހަމައަށް ތަޙްޤީޤުކޮށް މިކަމުގައި އިހުމާލުވެފައިވާ ފަރާތްތައް ދެނެގަނެ، މިފަދަ ހާދިސާއެއް ކުރިއަށް އޮތްތަނުގައި ހިނގިޔަނުދިނުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ދިވެހި ސަރުކާރަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން މި ކުއްލި މައްސަލަ ހުށަހަޅަމެވެ." މި މައްސަލަ ހުށަހަޅުއްވަމުން މެންބަރު ރާޢީ ވިދާޅުވެފަވެއެވެ.

މިދިޔަ ބުދަ ދުވަހު މެންބަރު ރާޢީ ވަނީ މި ބޯޓު އުރުނު މައްސަލާގައި އިހުމާލު އެބައޮތް ކަމަށާއި، މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ބެލުމަށް ވެސް ގޮވައިލައްވާފައެވެ.

ރަސްފަރި ފަރަށް އުރުނު މި ކާގޯ ބޯޓު މިއަދު މެނދުރު 14:08 ގައި ފުންކުރެވިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން މިއަދު ވަނީ ވިދާޅުވެފައެވެ. އަދި މިހާތަނަށް ބެލި ބެލުމުން މި އުޅަނދުން ތިމާވެއްޓަށް ގެއްލުންވާނެ އެއްވެސް އެއްޗެއް ބޯޓުން ބޭރުވެފައި ނުވާ ކަމަށާއި، މި ބޯޓުގައި ހުރި ލޯސަލްފާ އައި.އެފް.އޯ ގެ ތެރެއިން ޕްލޭން ކުރި ގޮތަށް ތިރީ ތާގީތަކުން އުޅަނދުގެ މަތީ ތާގީތަކަށް ރައްކާތެރިކަމާއެކު ވަނީ ތެޔޮ ޓްރާންސްފާ ކޮށްފައި ކަމަށް ވެސް ޓްރާންސްޕޯޓް އޮތޯރިޓީއިން މިއަދު ވަނީ ވިދާޅުވެފަވެއެވެ.

އުޅަނދު ސަލްވޭޖުކޮށް އުޅަނދު ޕޯޓް ލިމިޓް އޭރިޔާގައި ބޯޓު އެންކާކުރުމަށްފަހު ބޯޓުގެ އެކްސިޑެންޓް އިންވެސްޓިގޭޝަން ފެށިގެން ދާނެ ކަމަށާއި، އަދި ބޯޓު ފަރަށް އެރުމުގެ ސަބަބުން ތިމާވެއްޓަށް ލިބިފައިވާ ގެއްލުން ބެލުމަށްޓަކައި އެންވަޔަރުމަންޓަލް ޕްރޮޓެކްޝަން އެޖެންސީއާއި ކޯސްޓްގާޑުން ވަރަށް އަވަހަށް މަސައްކަތް ފަށާނެ ކަމަށް ވެސް އެ އިދާރާއިން ވިދާޅުވެފަވެއެވެ.