ޕާޓީ ބަދަލު ކުރުމުގެ ވިސްނުން އަދި ނުގެންގުޅުއްވާ ކަމަށް ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

މެންބަރު ޢަލީ މިހެން ވިދާޅުވީ ރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި، ބައެއް މަޖިލިސް މެންބަރުން ޕާޓީ ބަދަލު ކުރައްވަމުން ގެންދަވާ ކަމަށާއި، ޢަލީ ޙުސައިން އެ ވިސްނުން ގެންގުޅުއްވާތޯ ކުރި ސުވާލެއްގެ ޖަވާބުގައެވެ.

Ad
d

އޭނާ ވިދާޅުވީ ޕާޓީ ބަދަލު ކުރުމުގެ ވިސްނުމެއް އޭނާ ނުގެންގުޅުއްވާ ކަމަށާއި، އަދި ޕާޓީ ބަދަލު ނުކުރަން ވިސްނާ ސަބަބުތަކެއް ވެސް އެބަހުރި ކަމަށެވެ.

ޖުމްހޫރީ ޕާޓީއާއި ބެހޭގޮތުން ވެސް ޖުމްހޫރީ ޕާޓީގެ ލީޑަރާއި ބެހޭ ގޮތުން ވެސް، މީހުން ވަރަށް ގިނަ ވާހަކަތަކެއް ދައްކަފާނެ ކަމަށާއި، ނަމަވެސް އޭނާ ޖުމްހޫރީޕާޓީގައި ހުންނަވައިގެން ވަކި ވާހަކައެއް ދައްކައިގެން ވަކިގޮތަކަށް ވޯޓުލައިގެން ޕްރެޝަރެއް ކުރިމަތިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދައްކާ ވާހަކައަކުން ނުވަތަ ވޯޓުލާ ގޮތަކުން އެއްޗެހި ކިޔާ، ޕްރެޝަރެއް އައިސްގެންވާނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ހަމަ މިނިވަން މެންބަރެއްގެ ގޮތުގައި ހޮވުނަސް އަޅުގަނޑު ދައްކާނެ ވާހަކަ ރައްޔިތުންގެ މަޖިލިސްގައި ހުރެގެން މިދައްކަނީ، މިނިވަން މެންބަރެއް ގޮތުގައި ހޮވުނަސް ވޯޓުލާނެ ގޮތައް އަޅުގަނޑު މި ވޯޓުލަނީ، އެހެންވީމަ މިހާ މިނިވަންކޮށް އަޅުގަނޑަށް ހުރެވޭ އިރުގައި ދެން ކޮންމެހެން އަދި ޕާޓީ ބަދަލު ކުރަންޖެހޭ ކަމަށް މިދެންނެވީ ކޮންމެހެން ހާލަތު ބަދަލުވެގެން ކަންތައް ބަދަލުވެގެން މުސްތަގުބަލުގައި އެހެން ގޮތެއް ނުވާނެ ވާހަކަ އެއްވެސް ނޫން، ކަންތައްތައް ބަދަލުވެގެން ހިނގައިދާނެ ނަމަވެސް އަދިއެއް އަޅުގަނޑުގެ ވިސްނުމެއްނެތް" ޢަލީ ވިދާޅުވިއެވެ.

އަންނަ ދައުރުގައި މަޖިލިސް އިންތިޚާބުގައި ވާދަ ކުރައްވާނަންތޯ، ވާދަ ކުރައްވާނަމަ ވާދަ ކުރައްވާނީ ކޮން ޕާޓީ އަކުންތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި އޭނާ ވިދާޅުވެފައި ވަނީ އެއަށް އެއްޗެއް ދަންނަވަން އެނގޭނީ އަންނަ އަހަރު ރާއްޖޭގެ ސިޔާސީ މަޝްރަޙަށް އަންނަ ބަދަލުތަކަށާއި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކަންތައް ވެގެންދާ ގޮތަކަށް ބައްލަވާފައި ކަމަށެވެ.

Ad
df

ޕާޓީ ބަދަލުކުރުމުގެ ވިސްނުން އަދި ނުގެންގުޅުއްވާ ކަމަށް މެންބަރު ޢަލީ ޙުސައިން ވިދާޅުވިއިރު، އޭނާ ތަމްސީލް ކުރައްވާ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލިސްއަށް އިންތިޚާބުވެ ވަޑައިގަތް 5 މެންބަރުންކުރެ 2 މެންބަރަކުވަނީ އެ ޕާޓީން ވަކިވެ ވަޑައިގެންފައެވެ. އެއީ ތިމަރަފުށީ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޟާއި، ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމެވެ. އެ ދެ ބޭފުޅުން ޖޭޕީން ވަކިވެ އަމިއްލަ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ. ޖޭޕީގައި މިހާރު ތިއްބެވީ މެންބަރު ޢަލީގެ އިތުރުން ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބަރާޙީމާއި އަދި އިސްދޫ ދާއިރާގެ މެންބަރު ޢަލީ ޙަމީދެވެ.