މަހްލޫފާއި މެދު ނުހައްގުން އަމަލުކޮށްފައެއް ނުވާނެ: ޕީޖީ އޮފީސް

Mahloof

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މައްސަލާގައި ދައުވާ ކުރަން ޕީޖީ އޮފީހަށް މައްސަލަ ހުށަހަޅާފައިވާ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފައި މެދު ނުހައްގުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް އެ އޮފީހުން ބުނެފިއެވެ.

މަހުލޫފްގެ މައްޗަށް ތުހުމަތު ކުރެވި އޭނާގެ މައްސަލަ ބަލާ ނިންމުމަށް ފަހު އޭސީސީން ދައުވާކުރަން ފޮނުވުމާއި އެކު އޭނާ ހުންނެވީ ސަސްޕެންޝަންގައެވެ. އެކަމަކު ޕީޖީ އޮފީހަށް މައްސަލަ ހުށަހެޅިތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އަދިވެސް އެ އޮފީހުން އޭނާގެ މައްޗަށް ދައުވާ އުފުލާފައެއް ނުވެއެވެ. އެހެންވެ މަހުލޫފް ގެންދަވަނީ ތަކުރާރުކޮށް ސޯޝަލް މީޑިއާއާއި އެކި މެއިންސްޓްރީމް މީޑިއާތަކުގައި އެވާހަކަ ދައްކަވާ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

އެ މައްސަލާގައި ޕީޖީ އޮފީހުން ބުނީ މައްސަލަތަކުގައި ދަޢުވާ ކުރުމާމެދު އެ އޮފީހުން ނިންމާ ނިންމުންތަކަކީ ހެކި ގަރީނާގެ މައްޗަށް ބިނާވާ ނިންމުންތަކެއް ކަމަށެވެ. އަދި މައްސަލަތަކުގައި ތަހުގީގީ އިދާރާތަކުން ހޯދާ ހެކި ގަރީނާއަކީ ޤާނޫނާ އެއްގޮތަށް ހޯދާފައިވާ ހެކިތަކެއްކަން ކަށަވަރު ކުރާނެ ކަމަށެވެ. އަދި މަހުލޫފްގެ މައްސަލައިގައިވެސް އެކަން ކަށަވަރުކުރާނެ ކަމަށެވެ.

ޝަފީއު ވިދާޅުވީ އެ އޮފީހުން އެއްވެސް މީހަކާމެދު ނުޙައްޤުން ޢަމަލު ނުކުރާނެ ކަމަށައި އެކަމަށް އެއްވެސް އިސްތިސްނާއެއްވެސް ނޯންނާނެ ކަމަށެވެ.

މަހުލޫފްގެ މައްޗަށް ދައުވާ އުފުލުމާއި މެދު ދިގު މުއްދަތެއް ހޭދަވާ މައްސަލައިގައި އޭނާ ވިދާޅުވީ ބައެއް ބޮޑެތި މައްސަލަތަކުގައި ދަޢުވާ ކުރުމާމެދު ގޮތެއް ނިންމާ މަރުހަލާގައި އިތުރު ކަންކަން ސާފުކުރުމަށް ނުވަތަ ތަޙުގީގީ އިދާރާތަކާއެކު ކުރަންޖެހޭ އިތުރު މަސައްކަތްތައް ހުންނާތީ އިތުރު މުއްދަތުތަކެއް ހޭދަވާނެ ކަމަށެވެ. އަދި އެއީ މަހުލޫފްއާ މެދު ތަފާތު ގޮތަކަށް އަމަލުކުރަނީ ނޫން ކަމަށް ވެސް ވިދާޅުވިއެވެ. އަދި މަހުލޫފް އެ އޮފީހަށް ކުރައްވާ ތުހުމަތުތަކަކީ މައްސަލައިގެ ތުހުމަތުކުރެވޭ މީހެއްގެ ހައިސިއްޔަތުން ދެކެވަޑައިގަންނަވާ ގޮތް ނަމަވެސް އެއީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ

އެ މައްސަލާގައި މަހުލޫފް ގެންދަވަނީ ދައުލަތަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުންނެވެ. އެގޮތުން އޭނާއާއި ދެކޮޅަށް ހޯދާފައިވާ ހެކިތަކަކީ ތަޙުޤީޤީ އިދާރާތަކުން ގާނޫނާއި ޚިލާފަށް ހޯދި ހެކި ތަކެއް ކަމަސް ވިދާޅުވެފައެވެ.
އެ މައްސަލަ ޕީޖީ އޮފީހުގައި އޮންނަތާ ދެމަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، މީގެ ކުރިން މަހުލޫފް ވަނީ އޭނާގެ މައްޗަށް ދައުވާ އުފުލައިފި ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެކަމަކު މައްސަލަ ދިގުލައިގެންދާތީ އޭނާ މިހާރު ވަނީ އިސްތިއުފާ ނުދއްވާނެ ކަމަށް ވިދާޅުވެފައެވެ

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި