ހއ.ފިއްލަދޫގެ އިޚްތިޞާޞްތެރޭގައި ހިމެނޭ ފިއްލަދޫގެ ބައެއް ކަމުގައިވާ ދައްޕަރަށް ފިއްލަދޫ ކައުންސިލްގެ ހުއްދަނެތި އެރުން މަނާކޮށްފިއެވެ.
މިކަން އަންމު ކުރުމުގެ ގޮތުން މިއަދު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ޤާނޫނު ނަންބަރު 2010/7 ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 1-56 ވަނަ މާއްދާގެ ހ. ގައި ބަޔާންކޮށްފައިވާ ، ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމުގެ އުސޫލުގެ ދަށުން، 18 މާރޗް 2020 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ގެޒެޓްކޮށް އާއްމުކޮށްފައިވާ އިދާރީ ދާއިރާގެ އިޚްތިޞާޞް ހިމެނޭ ސަރަހައްދު ކަނޑައެޅުމުގެ ޗާޓުގައި ފިއްލަދޫއާއި އިންވެގެން އޮންނަ ދައްޕަރަކީ ފިއްލަދޫ އިޚްތިޞާޞްތެރޭގައި ހިމެނޭ ފިއްލަދޫގެ ބައެއްކަމަށް ވާތީ ފިއްލަދޫ ކައުންސިލްގެ ހުއްދަނެތި އެތަނަށް އެރުމަކީ މަނާކަމެއް ކަމަށެވެ.
އެ ކައުންސިލުން އިތުރަށް ބުނެފައިވަނީ ފަހަކަށް އައިސް ބައެއްފަރާތްތަކުން އެ ކައުންސިލްގެ އެއްވެސް ހުއްދަނެތި ދައްޕަރަށް އަރައި ވެއްޔާއި އަކިރިނަގައި އަދި ރުކާއި، ލަކުޑި ފަދަ ތަކެތި ކަނޑާ ބޭރުކުރަމުންދާކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ.

ފިއްލަދޫ ކައުންސިލްގެ ހުއްދަނެތި ދައްޕަރުގެ ބޭނުންކުރާ ފަރާތްތަކާއިމެދު ޤާނޫނު ނަންބަރު 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 22 ވަނަ މާއްދާއިން، އެ ކައުންސިލަށް ލިބިގެންވާ ބާރުގެ ދަށުން އެފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އެޅޭނެކަމުގައި ވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.
އެއްވެސް ސިފައެއްގައި ފިއްލަދޫގެ އިހްތިޞާސްގެ ތެރޭގައި ހިމެނޭ ދައްޕަރަށް އަރާނަމަ އެ ކައުންސިލްގެ ހުއްދަ ހޯދުމަށް ވެސް މިއަދު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވަނީ ބުނެފައެވެ.
ހއ. ދައްޕަރުގައި ވިލާ އަދި އެޕާޓްމެންޓްތައް އެޅުމުން، އެތަންތަން ގަންނަ ފަރާތްތަކަށް ރެސިޑެންސް ވިސާ ދިނުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅެމުން އަންނަކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އަލްއުސްތާޛު ފައްޔާޒް އިސްމާއިލް މީގެ ކުރިންވަނީ ވިދާޅުވެފަ އެވެ.
ދައްޕަރަކީ ހއ.ފިއްލަދޫގެ އުތުރުން އެރަށާގުޅިފައި އޮތް ވަރަށް ރީތި ފަޅުރަށެކެވެ. ފަތުރުވެރިކަމަށް ޢަލަށްނެރޭ ރަށްތަކުގެ ތެރޭގައި ފިއްލަދޫގެ ދައްޕަރު ސަރަޙައްދު ވެސް ވަނީ އިޢުލާން ކޮށްފައެވެ. ރިސޯރޓް ތަރައްޤީ ކުރުމަށް ދައްޕަރުގެ 60 ހެކްޓަރ ބިން ވަނީ ކަނޑައަޅައިފައެވެ. ފަތުރުވެރިކަމަށް އަލަށް ތަޢާރަފުކުރި ރަށްތަކުގެ ތެރެއި ށ. ނަލަންދޫ ފިޔަވައި އެންމެގިނަ އެނދު ތަރައްޤީކޮށް އަދި އެންމެ ގިނަ ވަޒިފާ އުފެދިގެންދާނީ ދައްޕަރު ގައެވެ. ޖުމަލަ 1000 އެދާއެކު 2000 ވަޒީފާގެ ފުރުޞަތު ދައްޕަރުން އުފެދިގެން ދާނެއެވެ.
ހއ. އަތޮޅުގައި މިހާރު އޮތް ހަމައެކަނި ދެރިސޯރޓް އޮންނަނީ އަތޮޅުގެ އަނެއް ބިތުގައެވެ. ކުރިން ހިންގަމުން އައި އަލިދޫ ރިސޯރޓް ބަންދު ކުރިފަހުން، ފިއްލަދޫ ސަރަޙައްދުގައި އެއްވެސް ރިސޯރޓެއް ނެތެވެ. ދައްޕަރަކީ ކުރިންވެސް ނޫމަޑިން ރިސޯރޓެއް ތަރައްޤީކުރުމުގެ މަސައްކަތް ޢަމަލީ ގޮތުން ފެށި ރަށެކެވެ. 2012 ވަނަ އަހަރު ދައްފަރުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް ފެށި ނަމަވެސް އިންވެސްޓަރުންގެ މެދުގައި ޖެހުނު މައްސަލަތަކަކާ ގުޅިގެން މަސައްކަތް ހުއްޓާލަން ޖެހުނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!