މާދަމާ ފެށޭ ހިޖުރީ އައު އަހަރާއިއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ އުމްރާވެރިންނަށް ސައުދީގެ ބޯޑަރު ހުޅުވާލައި އުމްރާވުމުގެ ފުރުޞަތު ދިނުމަށް ސައުދީ ސަރުކާރުން ނިންމައިފިއެވެ.

ދުނިޔެއަށް ދިމާވި ކޯވިޑް-19 ބަލިމަޑު ކަމުގެ ހާލަތުގެ ސަބަބުން މިދިޔަ އަހަރުން ފެށިގެން ފާއިތުވި ދޮޅު އަހަރެއްހާ ދުވަހު ސައުދީން އޮތީ އެ ޤައުމަށް މީހުން އެތެރެވުން ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައެވެ.

Ad
d

ކޯވިޑްގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކާއިއެކު އެ ދުވަސްވަރު އުމްރާވުމާއި ހައްޖުވުމުގެ ފުރުޞަތި ދީފައިވަނީ އެ ޤައުމުގައި ދިރިއުޅޭ ފަރާތްތަކަށް އެކަންޏެވެ.

މާދަމާއިން ފެށިންގެން ބޯޑަރު ހުޅުވާލައި އުމްރާވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ އުމުރުން 18 އަހަރުންމަތީގެ ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށެވެ.

މީގެއިތުރުން އުމްރާވުމުގައި ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސައުދީ ސަރުކާރުން އަންގާފައިވާއިރު ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ބަސްތަކުގައި ދަތުރުކުރުމުގައި ވެސް މީހުން އުފުލޭނީ ބަހުގެ ދެބައިކުޅަ އެއްބަޔަށްވުރެ އިތުރުނުވާ ގޮތަށްކަމުގައި ސައުދީ ސަރުކާރުން ވަނީ ބުނެފައެވެ.

މީގެއިތުރުން އުމްރާ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކުން އެކަމަށް ހާއްސަކޮށްފައިވާ އެޕްލިކޭޝަން މެދުވެރިކޮށް ރަޖިސްޓްރީ ވާން ޖެހެއެވެ.

ސައުދީ ސަރުކާރުން ބުނީ މާދަމާއިން ފެށިގެން މަހަކު 2 މިލިއަން މީހުންނަށް އުމްރާގެ އަޅުކަމަށް އެޤައުމަށް އެތެރެވެވޭނެކަމަށެވެ. އަދި ސައުދީ ރައްޔިތުންގެ ތެރެއިން އުމްރާކުރަން އެދޭ މީހުންގެ އަދަދުވެސް ދުވާލަކު 60،000 ވަނީ އިތުރުކޮށްފައެވެ.

Ad
df

މާދަމާއިން ފެށިގެން އުމްރާވެރިންނަށް ހަރަމްފުޅު ހުޅުވާލަން ނިންމާފައިވާއިރު އެކަމުގެ އެންމެ ފަހުގެ ތައްޔާރީތަށް ސައުދީ ސަރުކާރުން އަންނަނީ ވަމުންނެވެ. މިގޮތުން 4000 ވުރެ ގިނަ މަސައްކަތު މީހުން ކޮންމެ ދުވަހަކުވެސް މަދުވެގެން 10 ފަހަރު މި ސަރަހައްދުތައް ދޮވެ ސާފުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.