ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންނަށް ހިދުމަތް ދިނުމާއި، މަސައްކަތުގެ މާހައުލަށް ނެރުމުގައި ޝަރުތުތަކެއް ކަނޑައެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ވެކްސިން ޖެހުމުގެ ޝަރިުތު ހަމަވާ މީހުންގެ ތެރެއިން އެއްވެސް ޑޯޒެއް ޖަހާފައި ނުވާ މީހުންނަށް އަންނަ މަހުން ފެށިގެން ބައެއް ހިދުމަތްތައް ލިބުމުގައާއި، މަސައްކަތަށް ނިކުތުމުގައި ޝަރުތުތަކެއް ހުންނާނެ ކަމަށެވެ.
އޭގެ ތެރޭގައި:
- ކެފޭ ރެސްޓޯރަންޓުތަކުން ހިދުމަތް ހޯދުމުގައި ވަކި ޝަރުތުތަކެއް ކަނޑައެޅުން
- ސިނަމާތަކާއި ސެލޫންތަކާއި ޖިމްތަކުން ހިދުމަތް ހޯދުމުގައި ވަކި ޝަރުތުތަކެއް ކަނޑައެޅުން
- އެތެރޭގެ އުދުހުންތަކާއި، ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ހޯދުމުގައި ޝަރުތުތަކެއް ކަނޑައެޅުން
- އާންމުންނާ ގާތުން ހިދުމަތްދޭން ޖެހޭ ފަރާތްތަކަށް ވަކި ޝަރުތުތަކެއް ކަނޑައެޅުން
- އޮފީސްތަކުގައި މަސައްކަތްކުރާ މީހުން އޮފީހަށް ހާޒިރުވެ މަސައްކަތްކުރުމުގައި ޝަރުތުތަކެއް ކަނޑައެޅުން
އެޗްޕީއޭއިން ބުނީ ޝަރުތުތައް ކަނޑައެޅުމަށް މިހާރު އެ އެފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް އެ ޝަރުތުތައް އަދި އާންމުކޮށް އިއުލާންކޮށްފައެއް ނުވެއެވެ.
އެޗްޕީއޭއިން މިގޮތަށް ކަނޑައަޅާފައިވާއިރު، ދިރާސީ އައު އަހަރު ފެށިގެންއަންނަ އިރު ވެކްސިން ނުޖަހާ މީހުން ސްކޫލްތަކަށް ނުވަދެވޭ ގޮތަށް ވެސް ވަނީ ކަނޑައަޅާފައެވެ.
އަދި މި މަސް ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީގެ ތެރެއިން ވެކްސިން ޖެހޭ މީހުންގެ 90 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކުރުވުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އެކަމަކު އެކަމަށް އެކަށީގެންވާ އެއްބާރުލުން ނުލިބޭ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!