ށ. ފީވަކުން އިތުރު 16 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ފީވަކު ސިއްޙީ މަރުކަޒުން އެންމެ ފަހުން އާންމު ކުރި މައުލޫމާތަށް ބަލާއިރު، އެ ރަށުން އޯގަސްޓް 4 ވަނަ ދުވަހު ވަނީ ކޯވިޑަށް ޓެސްޓް ކުރުމަށް 34 ސާމްޕަލެއް ނަގާފަ އެވެ.
މިގެ ތެރެއިން 16 ސާމްޕަލެއްގެ ނަތީޖާ ޕޮޒިޓިވްވެފައިވާއިރު، 18 ސާމްޕަލެއްގެ ނަތީޖާ ވަނީ ނެގެޓިވްވެފަ އެވެ. 4 ވަނަ ދުވަހު ޕޮޒިޓިވްވި 16 ސާމްޕަލާއި އެކު މިވަގުތު ފީވަކުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 85 އެވެ.
މިވަގުތު އެރަށުގެ 28 ގެއެއްގައި ކޯވިޑް ބަލިމީހުން ތިބިއިރު ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކު، އިތުރު ފަރުވާއަށް ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގައި ގާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް ފެސިލިޓީއަށް ވަނީ ބަދަލުކޮށްފަ އެވެ.
ފީވަކުގެ ހާލަތާއި ގުޅިގެން ސިއްހީ މަރުކަޒުން ވަނީ ރައްޔިތުން ކެތްތެރިކަން އިސްކޮށް، ގޭގައި މަޑުކޮށް ދިނުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި އެންމެން އެއް އަމާޒަކަށް މަސައްކަތްކޮށްފިނަމަ އާންމު ހާލަތަށް ރުޖޫއަވުމުގެ ފުރުޞަތު ބޮޑުކަން އެ މަރުކަޒުން ވަނީ ފާހަގަ ކުރަށްވާފަ އެވެ.
މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ފީވަކުން ނެގުނު ރެންޑަމް ސާމްޕަލްތަކުން 3 ސާމްޕަލްއެއް ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް އޮތީ ވެސް ބަންދުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!