ދިވެހިންނާއި ވޯކް ޕަރމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމާއި ގުޅޭ އުސޫލުތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އާންމުކޮށްފިއެވެ.
21 ޖުލައި 2021 ވީ ބުދަ ދުވަހުގެ ރޭ އެޗްޕީއޭއިން ވަނީ ދިވެހިންނާއި އަދި ވޯކް ޕަރމިޓް ހޯލްޑަރުނާއި މެދު މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އަމަލު ކުރެވެމުންދާނެ އުސޫލުތައް އާންމުކޮށްފައެވެ.
އެ އުސޫލުތަކުގައި ބުނެފައިވަނީ އިސްވެ ދެންނެވުނު ފަރާތްތަކުން ރާއްޖެ އެތެރެވާއިރު 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ނާތީޖާއެއް އޮންނަނެ ޖެހޭނެ ކަމަށެވެ.
ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވެ ބަލިން ފަސޭހަވެފައިވާ ފަރާތްތަކުގެ ތެރެއިން ޕޮޒިޓިވްވި ސާމްޕަލް ނެގި ތާރީޚުން ފެށިގެން 60 (ފަސްދޮޅަސް) ދުވަސް ނުވާ ފަރާތްތަކާއި ޑަބްލިޔުއެޗްއޯ އިން އިމަރޖެންސީ ޔޫސްއަށް ލިސްޓްކޮށްފައިވާ ކޯވިޑް-19 ގެ ވެކްސިނެއްގެ
ޑޯޒްތައް ފުރިހަމަކޮށް، (ރާއްޖެއަންނަ ދުވަހާ ހަމައަށް) 14 ދުވަސް ވެފައިވާ ފަރާތްތައް ކަރަންޓީނު ވާން ނުޖެހެނޭ ކަމުގައި އެ އުސޫލުތަކުގައިވެއެވެ.
މީގެ އިތުރުން އެ ފަރާތްތަކާއި އެކުގައި ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ވެސް ކަރަންޓީނުވާން ނުޖެހޭނެ ކަމަށާއި އަދި ކޯވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ ފަރާތްތަކާއި އެކުގައި ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ރާއްޖެ އެތެރެވާތާ ފަހެއް ނުވަތަ ހަތް ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެކަމުގައު އެ އުސޫލުގައިވެއެވެ.
ބަޔާންކުރެވިދިޔަ އުސޫލުތަކަށް ނުފެތޭ ފަރާތްތަކުން ކަރަންޓީން ވާން ޖެހޭނެ ކަމުގައި ބުނެފައި ވީނަމަވެސް އެ ފަރާތްތަކުން ވެސް ޕީސީއާރު ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވެއްޖެނަމަ ކަރަންޓީނުން ދޫކޮށްލުމަށް ވަނީ ހަމަޖެހިފައެވެ.
މި އުސޫލުގެ ދަށުން ދަތުރު ކުރަން ބޭނުންވާ ފަރާތްތަކުން ދަތުރު ކުރަންވާނީ ހާލު ބެލުމުގެ ޕޯޓަލްއިން ދަތުރު ކުރުމުގެ ހުއްދަ ދުރާލައި ހޯދައިގެން ކަމުގައި އެޗްޕީއޭއިން އާންމު ކޮށްފައިވާ އުސޫލުގައި ބުނެފައިވެއެވެ.
ބަޔާންކުރެވިދިޔަ އުސޫލުތަކުގެ ދަށުން ރާއްޖެ ދަތުރުކުރާ ފަރާތްތަކަށް ލުއިދޭން ނިންމި ނަމަވެސް އެ ދަތުރުކުރާ ޤައުމެއްގައި ކޯވިޑް ބަލީގެ ހާލަތު އޮންނަ ގޮތަށް ބަލައި މި އުސޫލަށް ބަދަލު ގެނެވިދާނެ ކަމުގައި ވެސް އެ އުސޫލުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!