އުތުރުގެ ތިން ރަށްކަމަށްވާ ކުޅުދުއްފުށި ސިޓީއާއި، ކުމުންދޫ އަދި ހަނިމާދޫއަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހަނިމާދޫއަށް ވަޑައިގަންނަވައި އެ ރަށު ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުން އޮތީ މިއަދުގެ ހެނދުނު ހަނިމާދޫގައި ހުންނަ ބެއާފޫޓް އެކޯ ހޮޓެލްގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނިމާދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ މުޅި ބޮޑު ތިލަދުންމަތީގެ ތަރައްޤީއަށާއި، ފަތުރުވެރިކަމުގެ ތަރައްޤީއަށް ވަރަށް މުހިންމު މަޝްރޫޢެއްކަން ފާހަގަކުރައްވާފައެވެ. އަދި އެއަރޕޯޓް ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ކުރިޔަށް ގެންދިއުމުގައި ކައުންސިލާއި އަދި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމުގައި އެ މަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެއިތުރުން ހަނިމާދޫގެ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ޙައްލު ހޯދުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ހިމެނޭކަމަށާއި އަދި ޞިއްޙީ ދާއިރާއިން 30 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް މިއަހަރަރުގެ ތެރޭގައި ޓެންޑަރ ކުރުމަށް މަސައްކަތް ކުރައްވާނެކަމުގައި އެ މަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މީގެއިތުރުން ވެސް ހަނިމާދޫގައި ސަރުކާރުން ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު ބައެއް ޕްރޮޖެކްޓްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރައްވާފައެވެ.
މި ބައްދަލު ކުރެއްވުމުގައި ހަނިމާދޫ ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ކުރަމުންގެންދާ މުހިންމު މަސައްކަތްތަކާއި، ރައްޔިތުންނަށް އެންމެ ދަތިވެފައިވާ ކަންކަމާގުޅޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކައުންސިލުން ވަނީ ހަނިމާދޫގައި ތަރައްޤީކުރަން ހަމަޖެހިފައިވާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް އަވަސްކުރަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން މިހާރުވެސް ހަނިމާދޫގައި ސަރުކާރުން ކުރިޔަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާއެކު އެ ރަށަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިފައިވާކަން ކައުންސިލުން ވަނީ ފާހަގަ ކުރައްވާފައެވެ. މީގެއިތުރުން ކައުންސިލަރުން ވަނީ ބޯހިޔާވަހިކަމާއި ބޭހޭގޮތުނާއި، ޞިއްޙީ ޚިދުމަތާއި، މަގުހެދުމާއި، ދަތުރުފަތުރުގެ ދާއިރާ އަދި، ޔޫޓިލިޓީޒްގެ އިތުރުން ތަޢުލީމީ ދާއިރާއިންނާއި އިޖްތިމާޢީ ކުރިއެރުމުގެ ދާއިރާއިން އިތުރަށް އެ ރަށަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއަށް ހިއްސާ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އެރަށުގައި އަންހެނުންގެ ޚާއްޞަ ޑޮކްޓަރެއްގެ އިތުރުން ސްކޭންގެ ޚިދުމަތް ބޭނުންވާކަން ފާހަގަ ކުރައްވާފައެވެ. މީގެއިތުރުން ޒުވާނުންނަށް ހާއްސަކޮށް ކަނބަލުންނަށް ވޮލީ ކުޅުމަށް ވޮލީ ކޯޓެއް އޮތުމު މުހިންމުކަން އެ ކޮމެޓީން ވަނީ ފާހަގަ ކުރައްވާފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ. ހަނިމާދޫއަކީ މި ދަތުރު ފުޅުގައި ރައީސް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ އެންމެ ފަހު ރަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!