މިއަހަރުގެ ހައްޖުގެ އަޅުކަން ފުރުސަތު ދިން މީހުން މައްކާއަށް ޖަމާވާން ފަށާފައިވާ ކަމަށް ސައުދީ އަރަބިއާއިން ބުނެފިއެވެ.
ކޯވިޑް-19އާ ގުޅިގެން ސައުދީން ހައްޖުގެ އަޅުކަން ކުރުމުގެ ފުރުސަތު ދިނީ އެންމެ 60،000 މީހުންނަަށެވެ.
ހައްޖުގެ ކަންތައްތަކާބެހޭ ސައުދީ މަސްއޫލުވެރިން ވިދާޅުވިގޮތުގައި މި ހައްޖަށް ދިއުމުގެ ފުރުސަތު ދިނީ އެކަމަށް އެދި ހުށަހެޅި ފަސް ލައްކައަށްވުރެ ގިނަ މީހުންގެތެރެއިން ކަމަަށެވެ. ފުރުސަތު ދިން މީހުންގެ ތެރޭގައި ހިމެނެނީ ސައުދީގެ ރައްޔިތުންނާއި ސައުދީގައި ދިރިއުޅޭ އެހެން ގަައުމުތަކުގެ ރައްޔިތުންނެވެ.
މިއަހަރުގެ ހައްޖުގައި ބައިވެރިވާ 60،000 މީހުންނަކީ ކޯވިޑް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނެވެ. މި މީހުން އިޚްތިޔާރުކޮށްފައިވަނީ މިހާތަނަށް ހައްޖުގެ ފަރުޟު އަދާކޮށްފައިނުވާ މީހުންނަށް އިސްކަން ދީގެންނެވެ.
މިފަހަރުގެ ހައްޖުގެ އަޅުކަމުގައިވެސް އިޖްތިމާއީ ގައިދުރުކަން ބަހައްޓަން ޖެހެއެވެ. އަދި ހުރިހާ ވަގުތުތަކެއްގައިވެސް މާސްކް އެޅުން ހައްޖުވެރިންނަށް މަޖްބޫރުވާނެއެވެ. އަދި ކޯވިޑާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް މައްކާގެ ހަރަމްފުޅު ތެރޭގައާއި މިނާއާއި މުޒްދަލިފާ އަދި އަރަފާތުގެ ބިމުގައި ވެސް ހައްޖުވެރިން އަޅަންޖެހޭނެއެވެ.
ހައްޖުވެރިން މިހާރު މައްކާއަށް ޖަމާވަމުންދާއިރު އެމީހުން މައްކާގެ އެތެރެއަށް ވަނުމުގެކުރިން ސިއްހަތާބެހޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައިޗެކްޕޮއިންޓްތަކެއްވަނީ ގާއިމްކޮށްފައެވެ. އަދި މިއަހަރުގެ ހައްޖުގެ އަޅުކަމުގައިވެސް ގެފުޅުގައި އަތްލުމާއި ހަޖަރުލްއަސްވަދުގައި އަތްލުން ވަނީ ސިއްހީ ސަބަބުތަކާ ގުޅިގެންމަނާކޮށްފައެވެ. އަދި ހައްޖުވެރިންގެ ގިނަބަޔަކު އެއްތަނަކަށް އެއްވެ ވާހަކަ ދެއްކުމާއި ބައްދަލުވުންތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ. ޖަމްރާތަކަށް ހިލައުކާއިރުވެސް އުކުމަށް ހަމަޖެހިފައިބަނީ ސްޓެރިލައިޒް ކޮށްފައިވާ ހިލައެވެ.
މިއަހަރުގެ ހައްޖު މޫސުމުގައި ކޮންމެ ހައްޖުވެރިއަކަށްވެސް ހައްޖުގެ އިންތިޒާމުތަކާބެހޭ ޑިޖިޓަލް ކާޑެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.
މިދިޔަ އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވެފައިވަނީ ގާތްގަނޑަކަށް 10،000 މީހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!