ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫއުތަކުން ބޯހިޔާވަހިކަން ލިބިފައިވާ މީހުން ދަފްތަރުން އުނިކުރަން ނިންމާފައިވާ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު، ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭ ދަފްތަރުގައި ޖެހިފައިތިބި މީހުންގެ ތެރެއިން ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫއަކުން ފްލެޓް ނުވަތަ ގޯތި ލިބިފައި ތިބި ފަރާތްތައް ދަފްތަރުން އުނިކުރުމަށް ނިންމާފައިވާ ކަމަށެވެ.
"މައިމުޅަވެފައިވާ ފަރާތްތައް ދެނެގަތުމަށް އެފަރާތްތަކުން މަޢުލޫމާތު ޙިއްސާކުރުމަށް ކައުންސިލްއިން ހުޅުވާލުމަށްވަނީ ނިންމާފައި"، މޭޔަރު ޑރ. މުޢިއްޒު ވިދާޅުވެފަވެއެވެ.
މާލޭ ދަފްތަރުގައި ޖެހިފައިތިބި މީހުންގެ ތެރެއިން ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫއަކުން ފްލެޓް/ގޯތި ލިބިފައިހުރި ފަރާތްތައް ދަފްތަރުން އުނިކުރުމަށް އަދި މައިމުޅަވެފައިވާ ފަރާތްތައް ދެނެގަތުމަށް އެފަރާތްތަކުން މަޢުލޫމާތު ޙިއްސާކުރުމަށް ކައުންސިލްއިން ހުޅުވާލުމަށްވަނީ ނިންމާފައި
— Dr Mohamed Muizzu (@MMuizzu) July 11, 2021
ސަރުކާރުގެ މަޝްރޫއުއަކުން ބޯހިޔާވަހިކަން ލިބުނު ފަރާތްތަށް މާލޭގެ ދަފްތަރުން އުނިކުރުމަށް ނިންމާފައި ވާއިރު، މާލޭ ދަފްތަރުގައި ޖެއްސުން ވެސް ސިޓީ ކައުންސިލުން މިހާރު ވަނީ މެދުކަނޑާލާފައެވެ.
މާލެ ސިޓީގެ މޭޔަރު ކަމާ ޑރ. މުއިއްޒު ހަވާލުވެވަޑައިގަތުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދަފްތަރުގައި ޖެހިފަ 16،000 ނުވަތަ 17،000 ހާސްވަރަކަށް ރައްޔިތުން މިހާރުވެސް އެބަތިބިކަން މޭޔަރު ވަނީ ފާހަގަ ކުރަށްވާފައެވެ.
އެ ބައްދަލުވުމުގައި މަރުހަލާތަކަކުން މަރުހަލާތަކަކަށް އެ ރައްޔިތުންނަށް ގެދޮރުގެ މައްސަލަ ހައްލުކޮށްދޭނެ ގޮތުގެ މަގުޗާޓެއް ކަނޑައަޅަން ބޭނުންވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެ ކަން ހައްލުކުރުމުގައި ގެންގުޅޭ އުސޫލު ހަރުދަނާކޮށް، އެކަން ކުރެވޭނެ ގޮތެއް ދެނެގަނެ، ގާނޫނަކަށް ބަދަލު ގެންނަން ޖެހޭނަމަ އެކަންވެސް ކުރައްވާނެ ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.
މާލޭގެ ދަފްތަރުގައި ޖެހުމުގެ ފުރުޞަތު ސަރުކާރުން ހުޅުވާލީ 1994 އަހަރުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!