ބައެއް މިސާލުބަސްތައް ބައެއް ރަށްރަށާއި ގުޅިފައިވާ ފަދައިން ބައެއް މިސާލުބަސްތައް ގުޅިފައިވަނީ ބައެއް މީސްމީހުންގެ ނަންނަމާއެވެ.

މިހެން ވުމުގެ ސަބަބުން މިފަދަ ބަސްތައް މިސާލުބަސް ގޮތުގައި ކިޔައި އުޅުމުން އެއީ އެރަށަކަށް ނުވަތަ އެ މީހަކަށް ކުރެވޭ މަލާމާތެއްގެ ގޮތުގައި ބައެއް މީހުން ދެކެއެވެ.

Ad
rt

ނަމަވެސް އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެއީ މަލާމާތަކަށްވުރެ ބޮޑަށް ފަޚުރެކެވެ. ސަބަބަކީ އެކަންކަމުގެ ސަބަބުން ދިވެހިބަހަށް ކުރިއެރުންތަކެއް ލިބިގެން ދާދިއުމެވެ.

ކަށިކޭލަކީ ކަށިކެޔޮ ގަހުގައި އަޅާ މޭވާއެވެ. ރާއްޖޭގެ އެކިހިސާބުތަކުގައި ހެދޭ ކަށިކޭލަށް ނަރުއަރާ ހަރުވެ ދޮންވުމަށް ނަގާ މުއްދަތުގައި ކުދި ތަފާތުތަކެއް ހުރެއެވެ.

ބުނެވޭ ގޮތުގައި ހދ. ތީފަރިދޫގައި ހެދޭ ކަށިކޭލަކީ އެއަށް ނަރުއަރާ ހަރުވެ ދޮންވުމަށް އާންމުކޮށް ކަށިކެޔޮ ދޮންވުމަށް ނަގާ މުއްދަތަށްވުރެ ދިގު މުއްދަތެއްނަގާ ކަށިކޭލެކެވެ.

މި މިސާލުބަސް ބޭނުން ކުރެވެމުންދާ ގޮތަށް ބަލާއިރު މަސައްކަތެއް ކުރަން އޮންނަ އަވަސް ގޮތް ދޫކޮށްލާފައި އެކަމެއް ކުރުމަށް އޮންނަ ލަސް ގޮތް ޚިޔާރުކޮށް މަސައްކަތްކުރާ މީހުންގެ މަސައްކަތުގެ ލަސްކަން ބަޔާން ކޮށްދިނުމުގެ ގޮތުން އެފަދަ މީހުންނާ ދިމާއަށް މިގޮތަށް ބުނެ އުޅެއެވެ.