ރާއްޖޭގެ އުތުރުން ފެށިގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ، ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ.
މި އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 8:00 އާއި ހަމައަށެވެ.
މޫސުމާބެހޭ ގައުމީ އިދާރާގެ ޔެލޯ އެލާޓްގެ މެސެޖުގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި މެދުގެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމާއި އެކު ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި މި ސަރަޙައްދުތަކަށް އުދަ އެރުން ވެސް އެކަށީގެން ވާ ކަމަށް އެ އިދާރާއިން ލަފާކުރަށްވައެވެ.
އެ ސަރަހައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް ބުނެފައި ވެއެވެ.
އިއްޔެވެސް ގިނަ ވަގުތުތަކުގައި އޮތީ އުތުރުން ފެށިގެން އެކި ސަރަހައްދު ތަކަށް ޔެލޯ އެލާޓް ނެރެފައެވެ. އަދި ހަވީރު 17:00 އިން ފެށިގެން ރޭ 21:00 އާއި ހަމައަށް އޮރެންޖު އިންޒާރު ވެސް ނެރުނެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފްއިން ވަނީ އިއްޔެ އިލްތިމާސް ކުރަށްވާފައެވެ.
މޫސުމާ ގުޅިގެން ނެރޭ އެލާޓްތައް:
ވައިޓް އެލާޓް:
މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.
ޔެލޯ އެލާޓް:
މި އެލާޓްގެ މުއްދަތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެއެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވައި ބާރުވާނެއެވެ. މި އެލާޓްގެ މުއްދަތުގައި ކަނޑުމަގުން ކުރާ ދަތުރުތައް ކުރުމުގައި ސަމާލުވާން ޖެހޭނެއެވެ. ވިދާ ގުގުރާ ބޯކޮށް ވާރޭވެހޭނެއެވެ. އުދައެރުންފަދަ ކަންތައް ދިމާވުމަކީ އެކަށީގެންވާކަމެކެވެ. މި އެލާޓް ނެރުމާއެކު ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި، ހިކިފަސް ތަންތަނުގައި ތިބޭ ފަރާތްތަކުންވެސް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.
ރެޑް އެލާޓް:
މި އެލާޓްގެ މުއްދަތުގައި ބާރުގަދަ ކޮޅިގަނޑުތައް އެރުމަކީ އެކަށީގެންވާކަމެކެވެ. ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިތައް ކުރިމަތިވާ މިންވަރަށް ކަނޑުގަދަވާނެއެވެ. އާދަޔާ ޚިލާފަށް ވައިގަދަވެ، ވިދާ ގުގުރައި، ބޯކޮށް ވާރޭވެހޭނެއެވެ. ކަނޑު ދަތުރުފަތުރު ކުރުމަކީ މި އެލާޓްގެ މުއްދަތުގައި ކޮށްގެންވާނެކަމެއް ނޫނެވެ. ކޮޅިގަނޑެއްގެ ސަބަބުން ނުރައްކާތެރި ޙާދިސާއެއް ހިނގައިފާނެފަދަ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ހިސާބުތަކަށް ދިޔުމަކީ މުހިއްމުކަމެކެވެ. މި އެލާޓް ނެރުމާއެކު ކަމާ ބެހޭ ފަރާތްތަކުން އަބަދުވެސް ތިއްބަވާނީ ދިމާވެދާނެ ޙާދިސާއަކުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.
ގްރީން އެލާޓް:
މިއީ މޫސުން އާންމު ގޮތެއްގައި ރަނގަޅުނަމަ ނެރޭ އެލާޓެކެވެ. މި އެލާޓް ނެރުމުން އާންމު ޙާލަތަށް ރުޖޫޢަވީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!