"ޖޫން 17 ފިއްލަދޫ ކްލާސްޓާ"އާއި ގުޅިގެން މޮނިޓަރިން ހާލަތަށް ގެނެސްފައި އޮތް، ހއ. ފިއްލަދޫ އެ ހާލަތުން ވީއްލައިފިއެވެ.
ފިއްލަދޫ ސިއްހީމަރުކަޒުގެ ފުލޫ ކުލިނިކަށް ދެއްކި ކުއްޖެއް ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެރަށް ބަންދުކުރީ މި މަހު 17 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:20 އިން ފެށިގެންނެވެ.
އެރަށް އެ ހާލަތުން ވީއްލާފައި ވަނީ މިރޭ 9:51 އިން ފެށިގެންނެވެ.
ފިއްލަދޫ ކައުންސިލުން މިރޭ ވިދާޅުވީ، މިއަދު އެރަށް މޮނިޓަރިން ހާލަތުން ވީއްލުމާއި ގުޅިގެން، މޮނިޓަރިންގެ ހާލަތުގައި ބަލިކޮންޓްރޯލް ކުރުމަށްޓަކައި ފިއްލަދޫ ކޯވިޑް ޓާސްފޯހުގެ ފަރާތުން އަޅާފައިވާ ފިޔަވަޅުތައް ވެސް ނިމުމަކަށް އައިސްފައިވާ ކަމަށެވެ.
"އާންމުން އެއްވެއުޅޭ ހޮޅުއަށި، ފިނި މައިޒާންތަކާއި، އިޖްތިމާޢީ މަރުކަޒާއި، ކުޅިވަރު ދަނޑުތަކާއި، ކުޑަކުދިންގެ ޕާކާއި، ސައިހޮޓާ، ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުގެ ޚިދުމަތް ދިނުމާއި ޚިދުމަތް ލިބިގަތުން ކުރިއެކޭވެސް
އެއްގޮތައް ގެންދެވޭނެ ކަމުގައި ދަންނަވަމެވެ." ފިއްލަދޫ ކައުންސިލުން ވިދާޅުވެފަވެއެވެ.
ފިއްލަދޫ މޮނިޓަރިން ހާލަތުން ނެގިނަމަވެސް މިދުވަސްވަރު ގެއިންބޭރުގައި އުޅުމުގައި ފަރުވާތެރިވުމަށާއި، ހޯމްކަރަންޓީނުގައި ތިއްބެވި އެންމެހައި ބޭފުޅުންވެސް ކަރަންޓީނު އުސޫލުތަކަށް ފުރިހަމައަށް ތަބާވުމަށް ވެސް އެ ކައުންސިލުން ވަނީ އެދިފައެވެ.
ފިއްލަދޫ ކައުންސިލުން ވަނީ މޮނިޓަރިން ހާލަތުގައި އެރަށުގެ ރައްޔިތުން ދެއްވި އެއްބާރުލުމަށާއި، ދެއްކެވި އެއްބައިވަންތަކަމަށް ޝުކުރު އަދާކޮށްފައެވެ.
"ޖޫން 17 ފިއްލަދޫ ކްލާސްޓާ"އާއި ގުޅިގެން އެރަށުން 24 މީހަކު ޕޮޒިޓިވްވިއެވެ. އިއްޔެގެ ނިޔަލަށް އޭގެތެރެއިން 13 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!