ހުޅުމާލެ ދެވަނަފިޔަވަހީގެ މޫދުން މަރާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖާގެ ހަށިގަނޑު މާދަމާ ޕޯސްޓްމޯޓަމް އަށް ފޮނުވަން ހަމަޖައްސައިފިއެވެ.

ފުލުހުން ބުނީ އެ ކުއްޖާގެ ހަށިގަނޑު މާދަމާގެ ވަގުތެއްގައި ޕޯސްޓްމޯޓަމް ހަދަން ފޮނުވަން ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވެ ނިމިފައިވާ ކަމަށެވެ. މީގެ ކުރިން ފުލުހުން ވަނީ މިދިޔަ ހަފްތާގައި ހަށިގަނޑު ފޮނުވާނެ ކަމަށް ބުނެފައެވެ. ލަސްވީ ކީއްވެގެން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Ad
rt

ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް އަށް ފޮނުވަން ނިންމާފައި ވަނީ އާއިލާގެވެސް ރުހުމާއެކުއެވެ.

އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށްގެން އުޅޭ މައްސަލަ ފުލުހުންނަށް ލިބުނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ކުއްޖާ މަރާލާފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު 2:30 ހާއިރު އެވެ.

ކުއްޖާގެ ހަށިގަނޑު ފެނުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މީހުން ދިއުން މަނާ ސަރަހައްދުގެ މޫދުގައި ކަރުތާފެނަށްވާ ވަރަށް މޫދުގައި ޖަހާފައި ހުރި ދަގަނޑެއްގައި އައްސާފައި އޮތް ފޮށިގަނޑެއްގެ ތެރޭގައި މަރާލާފައި އޮއްވައެވެ. އެ ކުއްޖާ އެތަނުން ނެގީ މި މައްސަލާގައި ޝާމިލްވާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންގެ ހާޒިރުގައި ކަމަށް އެނގިފައިވެއެވެ.

މި މައްސަލާގައި މިހާތަނަށް ހައްޔަރުކޮށްފައި ވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކާއި 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެކަމުގައި އިތުރު މީހަކުވެސް ޝާމިލްވާ ކަމަށް އަޑުފެތުރިފައިވާއިރު އެފަދަ އިތުރު މައުލޫމާތެއް ފުލުހުން ދީފައެއް ނުވެއެވެ. އެމީހުންގެ ބަންދަށް މިހާރު ވަނީ 15 ދުވަސް ޖަހާފައެވެ.

އެމީހުން ހައްޔަރުކޮށްފައިވަނީ މާލޭގެ ގެސްޓު ހައުސްއެއްގެ ތެރޭގައި ފިލާ ތިއްބައެވެ. މި ހަމަލާގެ ތަހުގީގަށް މިހާތަނަށް ކުއްޖާ އެތަނަށް އުފުލި ކަމަށް ބެލެވޭ ކާރުވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.