ހއ. ފިއްލަދޫގެ 8 ޒުވާނުން އިސްނަގައިން އެރަށުގައި ދިރިއުޅޭރައްޔިތުންނަށް 24413 (ސައުވީސް ހާސް ހަތަރުސަތޭކަ ތޭރަ) ރުފިޔާގެ ތާޒާ ފިނިކުރިމަސް ހަދިޔާކޮށްފިއެވެ.

އެ ޒުވާނުންތައް މިކަންކުރީ، މިމަހުގެ 16 ވަނަ ދުވަހު ފުލޫކުލިިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމައި ގުޅިގެން މިވަގުތު މޮނިޓަރިންގައި އޮތް ފިއްލަދޫއިން މަސްލިބުން ދަތިވެފައިވާ ދުވަސްވަރެއްގަ އެވެ.

Ad
rt

މި މަސްތައް ވިއްކާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އެ އަތޮޅު އިހަވަންދޫގައި މަސައްކަތްކުރާ ޖަމިއްޔާއެއްކަމުގައިވާ "މަސްވެރި އިހަވަންދޫ" ގެ އެހީތެރިކަމާއެކު އިހަވަންދޫ "އަރާކުރި" ނަމަކަށް ކިޔާ މަސް ދޯންޏަކުންނެވެ.

ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ޙަަސަން "ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ރަށަށް ނިސްބަތްވާ މި 8 ޒުވާނުން އިސްވެ އެރަށުގެ ގޭބީސީތަކަށް 1220 ކިލޯގެ މަސް ހަދިޔާކޮށްފައިވާކަމަށެވެ. އަދި މިއަދު ވަނީ ކައުންސިލްގެ ޓީމާއި ރަށުގައި ދިރިއުޅޭ ބައެއްޒުވާނުން ވެގެން މި މަސްތައް އެ ރަށުގައި މީހުން ދިރިއުޅޭ 138 ގޭބީސީއަކަށް 3 މަހުގެ ރޭޓުން ބާހާ ނިންމާލެވިފައިވާކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އަދި ރަށް މޮނިޓަރިން ގައި އޮތް މިފަދަ ދަނޑިވަޅެއްގައި އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް ކައުންސިލްގެ ފުރިހަމަ އެއްބާރުލުުން ލިބޭނެކަމަށްވެސް ފަތުހުﷲ ވިދާޅުވިއެވެ. މީގެއިތުރުން އޭނާ ވަނީ، އެރަށަށް މަސް ހަދިޔާކުރި 8 ޒުވާނުންނަށާއި ރަށުގައި ދިރިއުޅޭ ފަރާތްތަކަށް މި މަސްތައް ބެހުމުގައި އެހީތެރިވި ޒުވާނުންނަށް ކައުންސިލްގެ ނަަމުގައި ޝުކުރު ދަންނަވާފަ އެވެ.

އެރަށަށް ނިސްބަތްވާ މި 8 ޒުވާނުންގެ ތެރޭގައި ރަށުގައި ދިރިއުޅޭ ބައެއްޒުވާނުންނާ އެކު މާލެ އަދި ރިސޯޓުތަކުގައި މަސައްކަތްކުރަމުން ގެންދާ ޒުވާނުން ހިމެނެއެވެ.

ކޮވިޑަށް ޕޮޒިޓިވް ކޭސްއެއް ފެނުމައި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފިއްލަދޫ މޮނިޓޮރިންއަށްލީ މިމަހު 17 ވަނަދުވަހުއެވެ. މިހާތަނަށް އެރަށުން 24 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވްވެފަ އެވެ.

މިއަދާހަމައަށް އެރަށުން ޖުމްލަ 189 ސާމްޕަލް ނެގިފަވާއިރު ރޭގައި ނެގުނު 13 ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭކަމަށް އެރަށުން ކައުންސިލުން ވަނީ ހާމަކޮށްފައެވެ.