ނަފްރަތު އުފެއްދުމާއި އާންމުތަންތާގައި މީހުން ދީނުން ބޭރުވެފައިވާކަމަށް ގޮވުމަކީ ކުށެއްކަމަށް ދެކޭ ކަމަށާއި، އަދި "ނަފްރަތުގެ އަމަލު" ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލު މިހާރުއޮތްގޮތަށް ފާސްނުކުރުމަށް ގޮވައިލާކަމަށް ށ. މާއުނގޫދޫ ކައުންސިލުން ބުނެފިއެވެ.
މާއުނގޫދޫ ކައުންސިލުން މިހެން ބުނީ ކައުންސިލްގެ 5 މެންބަރުން ސޮއި ކުރަށްވާ ނެރެފައިވާ އެ ނޫސް ބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައިބުނެފައި ވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރުކުރަން ހުށަހެޅިފައިވާ އިސްލާޙުތަކާއިގުޅޭ ބިލުގައިވާ އިސްލާޙްތަކުގެ ސަބަބުން މާތްވެގެންވެގެންވާ އިސްލާމްދީނަށާއި، އެދީނުގެ އެންމެހާ އަސާސްތަކަށް ފުރައްސާރަކުރުން އިތުރުވެދާނެ ކަމަށް ދީނީ ޢިލްމުވެރިންނާއި، ގިނަ ޢަދަދެއްގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާތީ، އެބިލު އެގޮތަށް ފާސްނުކުރުމަށް ގޮވައިލާ ކަމަށެވެ.
"އިސްލާމް ދީނަށް ފުރަށްސާރަ ކުރުމަކީ ދީނުންބޭރުވާފަދަ ޢަމަލުކަށްވީ ހިނދު، އަދި ނަފްރަތު އުފެއްދުމާއި
އާންމުތަންތާގައި މީހުން ދީނުން ބޭރުވެފައިވާކަމަށް ގޮވުމަކީ ކުށެއްކަމަށް މިކައުންސިލުން ދެކޭތީ، މިފަދަ މައްސަލަ ތަކުގައި ދީނީ ޢިލްމުވެރިންގެ ބައިވެރިވުމާއި އަދި ކަމާގުޅޭ އެހެނިހެން ފަރާތްތަކުގެ ލަފައާއެކު މިފަދަ މައްސަލަތައް ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރަށާއި، ރައްޔިތުންގެ މަޖްލީހުގެ ޢިއްޒަތްތެރި މެމްބަރުންނަށް މާއުނގޫދޫ ކައުންސިލާއި ރަށުގެ އެންމެހާ ރައްޔިތުންގެ ނަމުގައި ގޮވައިލަމެވެ." މާއުނގޫދޫ ކައުންސިލުން ބުނެފައިވެއެވެ.
މާއުނގޫދޫ ކައުންސިލްގެ 5 މެންބަރުން ތެރެއިން ރައީސް ހިމެނޭހެން 3 މެންބަރެއް ތަމްސީލް ކުރަށްވަނީ ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީއެވެ. ދެން ތިއްބެވި 2 ކައުންސިލަރުން ނިސްބަތްވަނީ އިދިކޮޅު ޕީޕީއެމްއަށެވެ.
ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ހުސައިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ "ނަފްރަތުގެ އަމަލު" ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރާ ބިލާއިިމެދު ކަންބޮޑުވުން ފާޅޫކޮށް، އެބިލާއި ދެކޮޅަށް މިހާތަނަށް ރާއްޖޭގެ 90 އަށް ވުރެ ގިނަ ލޯކަލް ކައުންސިލަކުން ވަނީ ބަޔާން ނެރެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!