ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށްލެވިއްޖެނަމަ މާދަމާ އެކަމާ އިންތިހާޔަށް ހިތާމަ ކުރަންޖެހިދާނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
މެންބަރު ޢަލީ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގަ އެވެ.
ޢަލީ ވިދާޅުވީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އެއްވެސް މިންވަރެއް މިއަދު ދޫކޮށްލައިފިނަމަ މާދަމާ އެކަމާ އިންތިހާޔަށް ހިތާމަ ކުރަންޖެހިދާނެ ކަމަށެވެ.
"ދޫކޮށްލާ އެއްވެސް ޙައްޤަކީ އަލުން އަނބުރާ ހޯދަން ވަރަށް އުނދަގޫ އެއްޗެއް. އެއްވެ އުޅުމުގެ ޙައްގައްވެސް ވީ ހަމަ އެހެން" ޢަލީ ވިދާޅުވިއެވެ.
ބެލެވޭގޮތުގައި ޢަލީ އިޝާރާތް ކުރަށްވާފައި ވަނީ، "ނަފްރަތުގެ އަމަލު" ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލަށެވެ.
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އެއްވެސް މިންވަރެއް މިއަދު ދޫކޮށްލައިފިނަމަ މާދަމާ އެކަމާ އިންތިހާޔަށް ހިތާމަ ކުރަންޖެހިދާނެ. ދޫކޮށްލާ އެއްވެސް ޙައްޤަކީ އަލުން އަނބުރާ ހޯދަން ވަރަށް އުނދަގޫ އެއްޗެއް. އެއްވެ އުޅުމުގެ ޙައްގައްވެސް ވީ ހަމަ އެހެން.
— Ali Hussain (@AleeVoice) June 17, 2021
ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ހުސައިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ "ނަފްރަތުގެ އަމަލު" ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރާ އެ ބިލުގައި އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމަކީ ކުށެއްކަމަށް ވަނީ ހިމަނާފައެވެ. އަދި އިސްލާމީ އަޤީދާއާއި ގުޅުވައި މުޖުތަމައުގައި ނަފުރަތު އުފެއްދުމަކީ ކުށަކަށް ހެދުމަށް ވެސް ވަނީ ހިމަނާފައެވެ.
އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ތުހުމަތު ކުރުމާއި، ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރި ވުމަކީ ވެސް ކުށެއް ކަމަށް އެ މާއްދާގައި ބުނެއެވެ.
އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރިކަމުގެ ކުށް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އެއީ ޖުނަޙްގެ އެއްވަނަ ދަރައިގެ ކުށެއް ކަމަށް ވަނީ ބިލުގައި ބުނެފައެވެ.
ގާނޫނުލްއުގޫބާތުގައި ވާގޮތުން ޖުނަޙްގެ އެއްވަނަ ދަރަޖައިގެ ކުށަކަށް އެންމެބޮޑު އަދަބަކަށް އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އަސާސީ މިންގަނޑުން އަދަބު ދޭނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް މިންގަނޑުން ނަމަ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާއިއެކު މީހަކާއި ދެކޮޅަށް އަނިޔާވެރި ވުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީވެސް ކުށެއް ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އެއީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެއް ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށަކަށް އެންމެ ބޮޑުވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އަސާސީ މިންގަނޑުން ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.
މި ބިލު މިހާރު މަޖިލީހުގެ ކޮމެޓީ މަރުހަލާގައި އޮތް އިރު، މި ބިލާމެދު ކަންބޮޑުވުންފާޅުކޮށް، މި ބިލުގައިވާ އިސްލާހްތަކުގެ ސަބަބުން އިސްލާމީ ޝިއާރު ފާޅުކޮށް، ޤާނޫނު އަސާސީގެ މާއްދާ 27 އިން ލިބިދޭ ޚިޔާލްފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭކަމަށް ބުނެ ރާއްޖޭގެ 85 އަށް ވުރެ ގިނަ ލޯކަލް ކައުންސިލަކުން ވަނީ ބަޔާން ވެސް ނެރެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!