މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ތެރޭގައި ޚިޔާލުތަފާތުވެ ޕާޓީ ދެބައިވެފައިކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެފައި ވަނިކޮށް އެކަމަށް މަޖާޒީގޮތުން އިޝާރާތް ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢު ވިދާޅުވެފައި ވަނީ "ހުޅަނގުވެ ޖޫން، ޖުލައިގަ އާންމުގޮތެއްގައި ކަނޑުތައް ގަދަވާނެ ކަމަށާއި މި މޫސުމުގަ އޮޑީގައި ހަރުލާފިއްޔާ އެހުރީ މަސްވެރިކަމަށް ފައްކާވެފައި" ކަމަށެވެ.
މީގެއިތުން ޝިފާއު ވިދާޅުވެފައި ވަނީ އުޅެއުޅެ ވެސް ނުވެފައި އޮތްކަމަކީ އެމްޑީޕީ ބައިބައި ކޮށްލުން ކަމަށާއި، އެމްޑީޕީ ދެބައި ނުވާނެ ކަމަށެވެ. އަދި އެމްޑީޕީއަކީ އެމްޑީޕީގެ މެމްބަރުންގެ ފިކުރެއް ކަމަށެވެ.
އެމްޑީޕީ ދެބައިވާން މެދުވެރިވީ ދެ ސަބަބެއް މީގެކުރިން އެ ޕާޓީގެ ޗެއާޕާޝަން ހަސަން ލަތީފް ވަނީ ފާހަގަ ކުރައްވާފައެވެ. ފުރަތަމަ ކަމެއްގެ ގޮތުން ފާހަގަ ކުރައްވާފައި ވަނީ އެމްޑީޕީން ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދުމަށް ސަރުކާރުން ބޭނުން ނުވުމެވެ. ދެވަނަ ސަބަބެއްގެ ގޮތުގައި ހަސަން ފާހަގަ ކުރައްވާފައިވަނީ ރައީސް މުޙައްމަދު ނަޝީދު ސަރުކާރުން އެކަހެރިކޮށް ސަރުކާރު ހިންގަން އުޅުމެވެ.
މި ބަހުސް އިތުރަށް ގޯސްވެފައިވަނީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހެޅުއްވި މައްސަލަ އެމްޑީޕީގެ ބައެއް މެމްބަރުންގެ ވޯޓާއެކު ބޭރުކޮށްލުމުންނެވެ.
މި މައްސަލަ ބޭރުކޮށްލުމުގައި އެންމެ އިސްދައުރެއް އަދާކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނު އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ގެންދަވަނީ ފާޅުކަން ބޮޑުގޮތެއްގައި ވިދާޅުވަމުންނެވެ.
ވުމާއިއެކު ސަރުކާރާއި އެމްޑީޕީއާއި މެދު މިހާރު ވަނީ ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް އުފެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!