ބ. އޭދަފުށިން ކޯވިޑް ބަލީގައި މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ، އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލަަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ މީހަކު ކޯވިޑަށް ޕޮޒިޓިވް ކަމަށެވެ.

Ad
rt

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ، އޭދަފުށީގެ ބޮޑު ކަތީބުކަމާއި ކުޑަ ކަތީބުގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވި އަލީ ވަހީދެވެ. ނިޔާވިއިރު އޭނާގެ އުމުރަކީ 77 އަހަރެވެ.

އޭދަފުށީގެ ތަރައްގީ ވެސް ވަރަށް ބޮޑު ދައުރެއް އަދާކުރެއްވި އަލީ ވަހީދަކީ ހިތްހެޔޮ އަދި ވަރަށް ޚުލްގު ހެޔޮ ހެޔޮލަފާ ބޭފުޅެކެވެ. އަދި އެއީ އޭދަފުށީގެ ބޮޑު ކަތީބުކަމާއި ކުޑަ ކަތީބުގެ މަގާމުގެ އިތުރުން ރަށުގެ މުދިން ކަމާއި އެރަށު މަދްރަސަތުލް ބަހިއްޔާގެ މުދައްރިސްކަން ވެސް ގިނަ އަހަރުތަކެއް ވަންދެން ކުރެއްވި ބޭފުޅެކެވެ.

ހިލޭ ސާބަހަށް އެރަށުގެ ކުދިންނަށް ޤުރުއާން އުނގަންނަވައި ދެއްވާފައިވާ އަލީ ވަހީދަކީ އޭދަފުށީގެ ފުޓްބޯޅައިގެ ވެސް ލެޖެންޑެކެވެ. އޭނާ ވަނީ މާލޭގައި އޮތް ފުޓްބޯޅަ މުބާރާތެއްގައި އެރަށުގެ ޓީމު ތަމްސީލް ކުރުމަށް 1968 ވަނަ އަހަރު މާލެ ވެސް ގޮސް، އެ ޓީމުގެ ކެޕްޓަންކަންގެ މަގާމުވެސް އަދާކޮށްފައެވެ.

އަލީ ވަހީދު ނިޔާވިއިރު ކޯވިޑަށް ޕޮޒިޓިވްވެފައި ވުމުން، މިއީ އެރަށުން މިބަލީގައި ނިޔާވި 2 ވަނަ މީހާއެވެ. މިމަހުގެ 10 ވަނަ ދުވަހު އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި ދޮށީ އުމުރު މީހަކު ނިޔާވެގެން ޓެސްޓުކުރިއިރު ވެސް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.

ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވުމާއެކު މި ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު ވަނީ 158 އަށް އަރާފައެވެ. އަދި މިމަހު ނިޔާވި މީހުންގެ އަަދަދު 85 އަށް އެރީއެވެ.

ކޯވިޑް ބަލީގައި އެންމެ ގިނައިން މީހުން ނިޔާވީ މި މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު 13 މީހަކު ނިޔާވި އެވެ.