ކޯވިޑް ބަލީގެ ކޭސްތަކެއް ފެނުމާއި ގުޅިގެން މިވަގުތު މޮނިޓަރިން ހާލަތުގައި އޮތް ށ. އަތޮޅުގެ ކަނޑިތީމަށާއި، ގޮއިދޫއަށް އެ އަތޮޅުގެ ފޭދޫން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މިގޮތުން މިއަދު ވަނީ ފޭދޫ ރައްޔިތުންގެ ފަރާތުން އެ ދެ ރަށުގެ ރައްޔިތުންނަށް ކާބޯތަކެތީގެ ބާވާތްތައް ހަދިޔާ ކޮށްފައެވެ.
ފޭދޫ ކައުންސިލްގެ ރައީސް އަހްމަދު ރައިސަމް "ތިލަދުން"އަށް ވިދާޅުވިޑް ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެއަތޮޅު ގޮއިދޫ އަދި ކަނޑިތީމު މޮނިޓަރިންއަށް ލާފައިވާތީ އެ ދެރަށު ރައްޔިތުންނަށް އެހީތެރިވުމަށް ފޭދޫ ކައުންސިލުން އިސްނަގައިގެން ފޭދޫ ރައްޔިތުންގެ ފަރާތުން މިއަދު ކާބޯތީތަކެތި އެ ދެރަށަށް ހަދިޔާކޮށްފައިވާ ކަމަށެވެ.
"ކަނޑިތީމާއި، ގޮއިދޫއަކީ މިދާއިރާގައި ހިމެނޭ ދެރަށް، އާންމުކޮށް އެ ދެރަށް މުދާ އުފުލާ މާލެ ދަތުރުކުރާ ބޯޓަކަށް މި އޮންނަނީ މިރަށު ބޯޓާއި ކަނޑިތީމު ބޯޓު، އެ ދެ ބޯޓު ވެސް އޮތީ ކަރަންޓީނުގައި، އެހެންކަމުން އަޅުގަނޑުމެން ގަބޫލުކުރީ އެ ދެރަށުގެ ރައްޔިތުންނަށް ވެސް ކާބޯތަކެތީގެ ދަތިކަން ހުންނާނެކަމަށް، އެހެންވެ މިރަށުގެ ރައްޔިތުން މިއަދު އެ ދެރަށަށް މިފޮނުވީ ކާބޯތަކެތި، ހަނޑޫ، ހަކުރު، ފުއް، ނޫޑްލުސް އަދި މިނޫންވެސް ތަކެތި ފޮނުވިން، މީގެ އިތުރުން އެރަށްރަށުގައި ތިބި މިރަށު މީހުންގެ ރަހުމަތްތެރީންނަށާއި، ޢާއިލީ މީހުންނަށް ވެސް ހަދިޔާ ބަދިޔާ ފޮނުވި" ރައިސަމް ވިދާޅުވިއެވެ.
ރައިސަމް ވިދާޅުވީ އެންމެ ބޮޑަށް މަސައްކަތްކުރެއްވީ އެ ދެރަށަށް ރޯ މަސް ފޮނުވަން ކަމަށެވެ. ނަމަވެސް މިދުވަސްވަރަކީ އުތުރަށް މޫސުން ގޯސް ދުވަސް ވަރަކަށް ވުމުން ބޭނުންވި ވަރާއި ގާތަށް ވެސް މަސް ނުލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ހަމަފާހަގަކޮށްލަން މިކަމުގައި ފޭދޫ ރައްޔިތުން މިދެއްކި އެއްބައި ވަންތަކަމާއި، އަޚްވަންތަކަން، މިރަށުގެ ރައްޔިތުންނަށް އަޅުގަނޑު ހިތުގެ ފުންމިނުން ޝުކުރުއަދާކުރަން އަދި މިކަމުގައި ފޭދޫ ކައުންސިލް މެންބަރުންނާއި، އިދާރީ މުވައްޒަފުން އަދި މިކަމުގައި ޝާމިލްވި އެންމެނަށް ވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން" ރައިސަމް ވިދާޅުވިއެވެ.
އޭނާއަކީ ވެސް އަތޮޅު ކައުންސިލްގެ މެންބަރެއްކަން ފާހަގަކުރައްވައި، މުޅި ށ. އަތޮޅުގެ ރައްޔިތުންނަށް މިބަލިން ރައްކާތެރިކަން އެދޭ ކަމަށް ރައިސަމް ވިދާޅުވިއެވެ. އަދި މިވަގުތު މޮނިޓަރިން ހާލަތުގައި އޮތް އެ އަތޮޅުގެ ގޮއިދޫ، ކަނޑިތީމު، މިލަންދޫ އަދި ޅައިމަގުގެ ރައްޔިތުން ވިހާވެސް އަވަހަށް އެ ހާލަތުން އަރައިގަނެވޭނެ ގޮތް ވުމީ އޭނާއާއި ފޭދޫ ރައްޔިތުންގެ ދުޢާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޯވިޑް ބަލީގެ ކޭސްތަކެއް ފެނުމާއި ގުޅިގެން މިވަގުތު މޮނިޓަރިން ހާލަތުގައި އޮތް ށ. އަތޮޅުގެ ކަނޑިތީމަށާއި، ގޮއިދޫއަށް އެ އަތޮޅުގެ ފޭދޫން އެހީތެރިކަން ފޯރުކޮށްދިން އިރު އަތޮތަކުގެ އެހެން ބައެއް ރަށްތަކުން ވެސް ވަނީ މީގެ ކުރިން މަފަދަ ރީތި ނަމޫނާ ދައްކާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!