2018 ވަނަ އަހަރު ފެށުނުއިރު އިޒްރޭލުގެ ޖަލުތަކުގައި 7000 ހާ ފަލަސްޠީނު ރައްޔިތުން ހައްޔަރުވެފައި ތިބި އިރު އޭގެތެރެއިން 591 މީހުންނަކީ އުމުރަށް ޖަލަށްލުމަށް ޙުކުމް ކުރެވިފައި ތިބި މީހުންނެވެ. ކަންބޮޑުވާން ޖެހޭކަމަކީ މީގެ ތެރޭގައި 300 ކުޑަކުދިންވެސް ހިމެނޭކަމެވެ. އެއީ އުމުރަށް ޖަލަށްލުމަށް ޙުކުމް ކޮށްފައި ތިބި މީހުންގެ ދެބައިކޮޅެއެއްބައެއް ވުރެ އިތުރު ޢަދަދެކެވެ.
2017 ވަނަ އަހަރު ކުއްޖެއްގެ މައްޗަށް 10000 – 15000 ޝެކެލްސް (3000-4000 ޑޮލަރު) ދޭ މަތިން، 14 އަހަރާއި 25 އަހަރާ ދެމެދުގެ 400 ޒުވާނުން ޖަލުން މިނިވަން ކުރުމަށް އިޒްރޭލުން ނިންމިއެވެ. 2017 ވަނަ އަހަރު އެކަނިވެސް ކުޑަކުދިންގެ މިނިވަންކަން ވިއްކައިގެން އިޒްރޭލުން 1.5 މިލިޔަން ޑޮލަރު ހޯދައިފައިވާކަން ވަރަށްފަހުން ނެރުނު ރިޕޯޓަކުން ވަނީ ހާމަވެފައެވެ.
ފަލަޞްޠީނުގެ ޙިޞާރުކޮށްފައިވާ ބިންތަކުގައި އެއްވެސް ހަމައެއް ލަމައެއްނެތި އިޒްރޭލު ސިފައިން ފަލަޞްޠީނުގެ ރައްޔިތުން ހައްޔަރުކުރާކަމީ އެންމެނަށްވެސް އިނގޭ ކަމެކެވެ. ނަމަވެސް ފަލަޞްޠީނުގެ މައުސޫމް ރައްޔިތުންނާއި ކުޑަކުޑަކުދިން އެމީހުންގެ އަމިއްލަ ބިމުގައި ހިފާ ހައްޔަރުކޮށްގެން އިޒްރޭލުން އެތައް މިލިޔަން ފައިސާ ހޯދާކަމީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި މިކަމުން އެމީހުންގެ ލާއިންސާނިއްޔަތުކަމާއި އަނިޔާވެރިކަން ގޮސްފައިވާ ދަރަޖަ ދަނީ ހާމަވަމުންނެވެ.
2017 ވަނަ އަހަރު ހައްޔަރުކުރެވުނު 6 އަހަރުގެ އަޝްރަފަކީ އިޒްރޭލުން ހައްޔަރުކޮށް، ބިރުދައްކާ އެތައްހާސް ކުދިންގެ ތެރެއިން އެންމެ ކުއްޖެކެވެ. އަޝްރަފް ހައްޔަރުކުރެވިފައިވަނީ ހަތިޔާރުއެޅި ފުލުހަކާ ދިމާލަށް ގާއުކުމުގެ ތުހުމަތުގައެވެ. އަދި 6 އަހަރުގެ މި ތުއްތު ކުއްޖާއަށް ތަޅާ އަނީޔާކޮށް ސުވާލުކުރުމަށްޓަކައި އެތައް ގަޑިއިރެއް ވަންދެން ބަންދުކޮށްފައި ބެހެއްޓިއެވެ. މުޅި ދުނިޔެއަށް މަޝްހޫރުވެގެން ދިޔަ އަހެދް ތަމީމީގެ މައްސަލައަކީވެސް މިފަދަ އަނެއް މައްސަލައެވެ. އޭނާ ހައްޔަރުކުރެވެފައިވަނީ އޭނާގައިގައި ޖެހި އިޒްރޭލު ސިފައިންގެ މީހެއް ގައިގައި ޖަހާ ބަދަލު ހިފުމުގެ ސަބަބުންނެވެ.
ހިއުމަން ރައިޓްސް ވޮޗުން ނެރުނު އަހަރީ ރިޕޯޓުގައި ފަލަޞްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ އަނިޔާވެރި ޢަމަލުތައް ވަނީ ތަފްސީލުކުރެވިފައެވެ. ހައިރާންވާންޖެހޭކަމަކީ އިޒްރޭލުން ލާ އިންސާނީ ގޮތްގޮތަށް މީހުން ހައްޔަރު ކުރުމަކީ އެމީހުންގެ ޢަމަލުތަކުގެ ތެރެއިން އެންމެ އަނިޔާވެރިކަން ކުޑަ ޢަމަލެވެ. މިއީ ކަންބޮޑަވާން ޖެހޭ ކަމަކެވެ. އިޒްރޭލު ސިފައިން މީހަކު މަރާލެވޭނެ ފަދަ ބާރު ބޭނުން ކުރާކަމާއި ޤާނޫނީ ޙުކުމަކާ ނުލާ މީހުން މަރާކަމަށްވެސް މި ރިޕޯޓްގައިވެއެވެ.
އެ ރިޕޯޓުގައިވާ ގޮތުން އިޒްރޭލު ސިފައިން ދަނީ ހުއްޓުމެއް ނެތި ކުޑަކުދިން ހައްޔަރުކުރުން ކުރިއަށް ގެންދަމުންނެވެ. ގިނަ ފަހަރު ހައްޔަރުކުރަނީ ’ގާ އުކުމުގެ‘ ތުހުމަތުގައެވެ. އަދި ލޯޔަރެއް ނުވަތަ ޢާއިލީ މެމްބަރެއް ނެތި އެކުދިންނާ ސުވާލުކޮށް، ހިބުރޫ ބަހުން ލިޔެފައިވާ ލިޔުންތަކުގައި ސޮއިކުރުމަށް މަޖުބޫރުކުރުވައެވެ. ފަލަޞްޠީނު ކުދިންނަކީ އެބަސް ދަންނަ ކުދިންނެއް ނޫނެވެ. ކޯޓުތަކުގެ އަޑުއެހުންތައް ކުރިޔަށް ދާއިރު ކުޑަކުދިން ހައްޔަރުކޮށްފައި ތިބެނީ ވަކިންނެވެ. ނަމަވެސް ހައްޔަރުކުރާ ވަގުތު ބޮޑެތިމީހުންނާ އެކީ ކުޑަކުދިން ބަންދުކުރާ ކަމަށްވެސް އެ ރިޕޯޓުގައި ވެއެވެ.
އެމެރިކާއިން އެހީގެ ގޮތުގައި ލިބޭ 38 ބިލިޔަން ޑޮލަރުގެ އިތުރުން، އިޒްރޭލުގެ ސަރުކާރުން 15 ބިލިޔަން ޑޮލަރު އިޒްރޭލުގެ އަސްކަރިއްޔާއަށް ހޭދަ ކުރާއިރުވެސް، ފަލަޞްޠީނުގެ ނިކަމެތި ރައްޔިތުންގެ އަތުން، އެމީހުންގެ ދަރިން މިނިވަންކުރުމަށްޓަކައި، ފައިސާ އަތުލުމަކީ ޣައިރު ޤާނޫނީ ގޮތުން ގާއިމުކޮށްފައިވާ އިޒްރޭލު ސަރުކާރުގެ ދަހިވެތިކަމާއި ލާއިންސާނިއްޔަތުކަން ދައްކައިދޭ ކަމެއް ކަމަށް އެމެރިކަން ހިއުމަން ރައިޓްސް ކައިންސިލްގެ ޑިރެކްޓަރ އިމާދު ހަމަދު ވިދާޅުވިއެވެ.
އިންސާނީ ޙައްޤުތަކަކީ ސިޔާސީ ކަންކަމަށްވުރެއް އިސްވާ ކަންކަމެވެ. ކޮންމެ ވިސްނުމެއްގެ ނުވަތަ ކޮންމެ ސިޔާސީ ފިކުރެއްގެ ބައެއްކަމުގައި ވިޔަސް، އިންސާނީ ޙައްޤުތައް ނިގުޅައިގަނެވޭނަމަ އެންމެން އެކަމާ ދެކޮޅު ހަދަން ޖެހެއެވެ. ޚާއްޞަކޮށް ކުޑަކުދިންގެ ކިބައިން އިންސާނީ ޙާއްޤުތައް ނިގުޅައިގަނެވުމަކީ، އެކަމާ ދެކޮޅަށް އަޑު އުފުލަން ޖެހޭވަރު ކަންކަމެވެ. ފަލަޞްޠީނު ކުޑަކުދިންނަށް ކުރާ އަނީޔާތަކަކީ އިންސާނީ ޙައްޤުތައް ޤަބޫލުކުރާ، އިންސާނީ ވަންތަކަން ހުރި ، ރަނގަޅު އަޚްލާޤެއްގެ ވެރި ކޮންމެ މީހެއްވެސް ސިއްސުވާލާ ވަރުގެ އަނިޔާތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!