ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދެމުން އަންނަ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އޮތް ދުވަސްވީ މީހަކަށް އަނިޔާކުރި ބަންގުލަދޭސް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 31 އަހަރުގެ ފިރިހެނެއް ކަމަށެވެ. މިމައްސަލަ ފުލުހުންނަށް ހުށައެޅިފައިވަނީ މިއަދުގެ 16:30 ގައި ކަމަށް ފުލުހުން މަޢުލޫމާތުދެއްވަ އެވެ.

Ad
rt

މީސްމީޑިއާގައި މިއަދު އާންމުވި ވީޑިއޯއިން ފެންނަނީ ބަލި މީހާއާ ހަވާލުވެ ހުރި ބިދޭސީ ފިރިހެނަކު، ބަލި މީހާގެ މޫނުމަތީގައި ޖަހައި މަންޒަރެވެ. އަދި ޖެހުމާ އެކު ބަލި މީހާ ވަރަށް ބާރަށް ރޯންފަށާ އަޑުވެސް ވީޑިއޯ އިން އިވެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިކަމާއި ގުޅިގެން ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ބަލި މީހާއާ ހަވާލުވެ ހުރި މީހާ އަނިޔާކުރި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމުން އެޓެންޑްވަމުން އަންނަ ކަމަށެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި އަނިޔާކުރި މީހާ މިހާރު ވަނީ ބަލި މީހާ ބެލުމުގެ ޒިންމާއިން ދުރުކޮށްފަކަމަށާއި އަދި ހުޅުމާލޭ މެޑިކަލް ފެސިލިޓީން ބަލި މީހާގެ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މީސް މީޑިޔާގައި މި ވީޑިއޯ ހިއްސާ ކުރުމާއިއެކު އާންމުން ވަނީ މިކަމާއި ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މިވީޑިއޯ އާންމުކުރިތާ މިވީ އަދި ގަޑިއިރެއްހާ އިރެވެ. ކުޑައިރުކޮޅެއްގެ ތެރޭ 2500 އަށްވުރެ ގިނަމީހުން މިވީޑޯ ހިއްސާކޮށްފައިވާއިރު 18 ހާހަށްވުރެ ގިނަ މީހުން މިވީޑީއޯވަނީ ބަލާފަ އެވެ. މިޚަބަރާއިއެކު އެވީޑިއޯ ހިއްސާ ނުކުރީ ހިތްބަލި މީހުންނަށް އެމަންޒަރު ބެލުމަށް ދަތިތަކެއް ކުރިމަތިވާނެތީއެވެ.

ގިނަ ބަޔަކު އަންނަނީ މިކަން ކުށްވެރިކޮށް، މިކަން ކުރި ފަރާތާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ. ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަރަށް ބޮޑުތަން އިތުރުވެފައިވާއިރު، މި ބައްޔަށް އެންމެ ގިނަ ބަޔަކަށް ފަރުވާދެމުންދަނީ ހުޅުމާލޭ މެޑިކަލް ފެސިލީޓީގައެވެ.