ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރުން ހޮވުމުގެ އިންތިޚާބަށް ހއ. އަތޮޅުގެ ދެރަށެއްގެ ކައުންސިލް މެންބަރުން ފޯމު ލައްވައިފި އެވެ.
އަންނަ މަހުގެ 12 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ މިއިންތިހާބުގައި ވާދަކުރެއްވުމަށް ކުރިމަތިލެއްވީ ހއ. ފިއްލަދޫ ކައުންސިލްގެ މެންބަރު މުޙައްމަދު ރަޒީފް އާއި ހއ. ތަކަންދޫ ކައުންސިލްގެ ރައީސް ޙުސައިން ނަޢީމް އެވެ.
ތަކަންދޫ ކައުންސިލްގެ ރައީސް ޙުސައިން ނަޢީމްގެ ފޯމް އިލެކްޝަން ކޮމިޝަން (އީސީ) އަށް ފޮނުވާފައިވަނީ 14:01 ގައިކަމުން އެފޯމް ބަލައިނުގަތުމަށް އީސީއިން ވަނީ ނިންމަވާފަ އެވެ.
މިދެބޭފުޅުންނަކީވެސް ވެރިކަންކުރާ އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވެފައިވާ ދެ ކައުންސިލަރުންނެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެލްޖީއޭގެ މެމްބަރު ކަމަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން 24 މޭ 2021 ވަނަ ދުވަހުގެ 14:00 ގެ ފަހުން ހުށަހަޅާފައިވާ ފޯމުތައް ބަަލައި ނުގަންނަން ނިންމާފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ގެ 59 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުން މިހާރުވަނީ އީސީ އިން އިޢުލާންކޮށްފަ އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 59 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް އިންތިޚާބު ކުރާނީ 3 މެންބަރުންނެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކާއި އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ 1 މެންބަރު އަދި ރަށު ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރެކެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމާއި، ވޯޓުލުމުގެ ފުރުޞަތު ލިބިގެންވަނީ ސިޓީ ކައުންސިލްގެ މެންބަރުންނާއި އަތޮޅު ކައުންސިލްގެ ރައީސުންނާއި ރަށު ކައުންސިލްގެ މެންބަރުންނެވެ.
LGA ge members kamah apply kohfaa vaa faraithah, 24 May 2021 ge 1400 hrs ge fahun EC ah receive vefaivaa applications thah balai nuganan EC in vanee nimaafa pic.twitter.com/6dOfJTI4WV
— Ahmed Shareef (@ShareefRangondi) May 25, 2021
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2021 ޖޫން 12 ވާ ހޮނިހިރު ދުވަހުގެ 10:00 އިން 14:00އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. އަދި މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2021 ޖޫން 15 ވާ އަންގާރަ ދުވަހުކަމަށް އީސީއިން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!