ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ، އިތުރު ލޯނުތަކެއް ދޫކުރަން ނިންމަވާފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Ad
rt

ރާއްޖޭގެ ކޯވިޑްގެ ހާލަތު މިދިޔަ އަހަރެއްހާ ދުވަހުއޮތް މިންވަރަށް މިމަހުއެކަނި ވެސް ވަރަށް ބޮޑަށް ގޯސްވެފައިވާކަން ފާހަގަކުރަށްވައި، މާދަމާ މާލެ ސަރަހައްދާއި، ކޯވިޑްގެ ހާލަތު ގޯސް ރައްތަކާއި ހިމެނޭހެން ރާއްޖޭގައި އަޅާ ހަރުކަށިފިޔަވަޅުގެ އަސަރު އެންމެ ބޮޑަށް ކުރާނެ އެއްބަޔަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން އެފަރާތްތަކަށް އިތުރަށް އެހީތެރިވެވޭނެ ގޮތްތައް ސަރުކާރުން ބައްލަވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން ކޯވިޑްގެ ރިލީފް ފަންޑުން އިތުރު ސޮފްޓް ލޯނުތަކެއް ދޫކުރަށްވަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މި ލޯނުތައް ދިނުމަށް ހަމަޖައްސާފައިވަނީ ކެފޭ، ރެސްޓްރޯނަންޓް، ވޯކްޝޮޕް، ސެލޫން، ޖިމް ފަދަ ތަންތަނަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ 775 މިލިއަން ރުފިޔާގެ ލޯނު އަންނަ ޖޫންމަހު ދޫކުރަށްވަަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މާދަމާ އެޅޭ ފިޔަވަޅުތަކާއެކު ލަހެއްނުވެ މިހާލަތުން އަރައިގަނެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.