ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން އަލުން ފަށާފައި ވާއިރު ރޭވަނީ މަޒިޔާ އަދި ދަ ގަރާންޑޭ ބައްދަލުކޮށްފައެވެ. މިމެޗް ނިމުނީ ދަ ގްރާންޑޭގެ މަށްޗަށް މާޒިޔާއިން 3-0 ން ކުރި ހޯދައިގެންނެވެ.
މެޗްގެ ފުރަތަމަ ހާފްގެ ކުޅުން ދެޓީމްއިންވެސް ނިންމާލީ އެއްވެސް ގޯލެއް ކާމިޔާބު ނުކުރެވިއެވެ. މެޗް ކާމިޔާބުކުރި މަޒިޔާއަށް ފުރަތަމަ ހާފުގައި ލީޑު ނެގުމަށް ގިނަ ފުރުސަތުތަކެއް ލިބުނުނަމަވެސް އެފުރުސަތުތަކުގެ ބޭނުން ހިފޭގޮތެ ވަނީ ނުވެފައެވެ. މެޗް ގެ ފުރަތަމަ ހާފްގައި ގޯލެއް ޖެހުމާއި އެންމެ ގާތަށް ޖެހިލީ ދަ ގްރާންޑޭއިންނެވެ. ގްރާންޑޭއަށް ލިބުނު ކޯނަރެއްގައި ގްރާންޑޭގެ ބިދޭސީ ޑިފެންޑަރު ބާބަކަރު ފޮނުވާލި ބޯޅައިގެ ހުރަހަކަށް ވީ ގޯލްގެ މަތީ ދަނޑިއެވެ. ފުރަތަމަ ހާފްގެ ތެރޭގައި މާޒިޔާގެ ހަމަލާތައް ހުއްޓުވުމުގައި ގްރާންޑޭގެ ޑިފެންޑަރުންނާއި ގޯލްކީޕަރު ފައިސްލ ވަނީ ކާމިޔާބު ހޯދާފައެވެ.
މެޗްގެ ތިން ގޯލްވެސް ފެނިގެންދިޔައީ މެޗް ގެ ދެވަނަ ހާފްގައެވެ. މެޗްގެ ފުރަތަމަ ގޯލް 58 ވަނަ މިނިޓްގައި ފެނިގެންދިޔައީ މަޒިޔާ ކެޕްޓަން އަސަދުﷲ ތަނަވަސްކޮށްދިން ފުރުސަތަކުން ރާއްޖޭގެ ގައުމީ ޓިމް ގުއަމް އާއި ދެކޮޅަށް ކުޅުނު މެޗްގައި ގުއަމް ކޮޅަށް ގޯލްޖެހި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ގެ ފަރާތުންނެވެ. މެޗްގެ ދެވަނަ ގޯލް 68 ވަނަ މިނިޓްގައި މާޒިޔާއަށް ކާމިޔާބުކޮށްދިނީ އަމްދާން އަލީއެވެ. މެޗްގެ ފަހު ގޯލް 85 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މިމެޗްގައި ބަދަލު ކުޅުންތެރިެއްގެ ގޮތުގައި ކުޅެން ނުކުތް ހަމްޒާ މުހައްމަދެވެ.
ރޭ ދަ ގްރާންޑެ ބަލިކޮށްގެން މާޒިޔާއަށް ލިބުނު ތިން ޕޮއިންޓާއިއެކު މާޒިޔާ ވަނީ ތަވަލުގެ އެއްވަނާގައި ހަތް ޕޮއިންޓްގެ ލީޑެއް ނަގާ ހަމަޖެހިލާ ފުރަތަމަ ބުރުގައި ތާވަލުގެ އެއްވަނަ ކަށަވަރު ކޮށްފައެވެ. ރޭގެ މޮޅާއިއެކު މާޒިޔާ އެއްވަނައިގައި އޮތީ ކުޅުނު ހަތްމެޗުން ޖުމްލަ ވިހި ޕޮއިންޓް ހޯދައިގެންނެވެ. މާޒިޔާ އަތުން ރޭ ބަލިވި ދަ ގްރާންޑޭ އޮތީ ކުޅުނު ހަތްމެޗުން ލިބުނު ތޭރަ ޕޮއިންޓާއި އެކު ތާވަލްގެ ތިން ވަނައިގައެވެ. ތާވަލުގެ ދެވަނައިގައި އޮތް އީގަލްސްއަށްވެސް ހަތް މެޗުން ތޭރަ ޕޮއިންޓް ލިބިފައިވި ނަމަވެސް އީގަލްސްއަށް ކުރި ލިބެނީ ގްރާންޑޭއަށްވުރެ ފައިދާ ގޯލް އީގަލްސްގެ ގިނަވުމުންނެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދުވެސް ދެމެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިއަދުގެ ފުރަތަމަ މެޗްގައި ބައްދަލު ކުރާނި ނިލަންދޫ ސްޕޯޓްސް ކުލަބް އަދި ފޯކައިދޫ ސްޕޯޓްސް ކުލަބެވެ. މިއަދުގެ ދެވަނަ މެޗްގައި ބައްދަލު ކުރާނީ ކުލަބް ގްރީން ސްޓްރީޓސް އަދި ވިކްޓްރީ ސްޕޯޓްސް ކުލަބެވެ.