ހދ. އަތޮޅު ކައުންސިލުން އިސްނަގައިގެން، އަތޮޅުގެ ހުރިހާ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ވޮލީ މުބާރާތް، މާދަމާ ފެށުމަށް ނިންމައިފިއެވެ.
އަންހެން އަދި ފިރިހެން ޑިވިޜަނަށް ބަހާލައިގެން މި މުބާރާތް ކުރިއަށް ގެންދަން ނިންމާފައިވާއިރު، މާދަމާއިން ފެށިގެން ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހާ ހަމައަށް، މި މުބާރާތުގެ ކުޅުން ކުރިއަށް ގެންދާނެއެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޜަންގައި މި އަހަރު ބައިވެރިވެފައިވަނީ ހަތަރު ޓީމަކުންނެވެ. އެއީ، ކުޅުދުއްފުށީ އީޑީ، ޓީމް ނޮޅިވަރަމް، ވިޔެސް އަދި ޓީމް ފިނެއެވެ. އަންހެން ޑިވިޜަންގައި ހަ ޓީމު ބައިވެރިވެފައިވާއިރު، މި ޑިވިޜަންގެ މެޗުތައް ކުރިއަށް ގެންދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
އަންހެން ޑިވިޜަނުގެ ފުރަތަމަ ގުރޫޕުގައި ހިމެނެނީ ކުމުންދޫ އެސްސީ، ނޮޅިވަރަންފަރު އެސްސީ، އަދި ޓީމް ކުޅުދުއްފުއްޓެވެ. ދެވަނަ ގްރޫޕުގައި ހިމެނެނީ ނޮޅިވަރަމު ޒީޖީ، ނައިވާދޫ ޓީއެސްސީ އަދި ޓީމް ހަނިމާދޫއެވެ.
މާދަމާ ހަވީރު، މުބާރާތް ހުޅުވާ މެޗުގައި ކުޅުމަށް ހަމަޖެހިފައިވަނީ އަންހެން ޑިވިޜަނުގެ ފުރަތަމަ ގްރޫޕުގެ މެޗކެވެ. މި މެޗުގައި ބައްދަލުކުރާނީ ކުމުންދޫ އަދި ނޮޅިވަރަންފަރުކަމުގައިވާއިރު މެޗު ފަށާނީ 16:30 ގައެވެ.
ކުޅުދުއްފުށީގެ ޑަބްލިޔު ސްޕޯޓްސް އެކެޑަމީއާ ހަވާލުކޮށްގެން މުބާރާތް ކުރިއަށްގެންދާއިރު، މެޗުތައް ކުޅޭނީ އެރަށު ޒޯން ސްޓޭޑިއަމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!