ށ. ވަނގަރުގައި ހަދާ ރިސޯޓު "ޖޭޑަބްލިއު މެރިއޮޓް" އަންނަ ނޮވެމްބަރު 1 ގައި ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު އެއް ހޮޓެލް ބްރޭންޑް "ޖޭޑަބްލިއު މެރިއޮޓް" އަކީ ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ޗެއިން މެރިއޮޓް އިންޓަނޭޝަނަލްގެ ހޮޓެލް ބްރޭންޑެކެވެ.
ކުރިން އެމެރިކާގެ ހޮޓެލް ބްރޭންޑެއް ކަމަށްވާ ވައިސްރޯއީގެ ނަމުގައި ހިންގި ރިސޯޓަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ރިސޯޓުގެ ކޮޓަރިތަކުގެ ފެންވަރު މަތިކޮށް ރެސްޓޯރަންޓާއި އެނޫން ވެސް ބައެއް ޚިދުމަތްތައް ވަނީ މެރިއޮޓް ސްޓޭންޑާރޑްގެ ފެންވަރަށް ބަދަލުކޮށްފަ އެވެ.
ޖޭޑަބްލިއު މެރިއޮޓްގެ ނަމުގައި އަލުން ހުޅުވަން ކުރިން ހަމަޖައްސާފައި އޮތީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ނަމަވެސް ރިސޯޓުގެ އެކި މަސައްކަތްތައް ކަނޑައެޅި ދުވަސްތަކަށް ނުނިމިގެން ހުޅުވުން ވަނީ ލަސްކޮށްފައެވެ.
ގާތްގަނޑަކަށް 198 ކިލޯމީޓަރު ހުންނަ ރިސޯޓުގެ ހުރިހާ ވިލާއެއްގައި ޕްރައިވެޓް ޕޫލެއް ހިމެނެ އެވެ. މިތަނުގެ ތަފާތު އެކި ރަހަތަކުގެ ކާނާ ލިބޭ ފަސް ރެސްޓޯރަންޓެއް ހުންނައިރު މީގެ ތެރޭގައި ރޫފްޓޮޕް ރެސްޓޯރެންޓެއް ވެސް ހިމެނެ އެވެ. މި ރިސޯޓުގައި ތަފާތު އެކި ފެންވަރުގެ 68 ވިލާ ހުރެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!