އެމްއެމްޕީއާރުސީގެ ފައިސާ ލިބިފަ ނުވާކަމަށާއި، އޭނާއަކީ ބޮޑު ޚިޔާނާތުގެ ބައިވެރިއެއް ނޫން ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި 241 ކޮމިޓީ ގެ ޖޮއިންޓް ކޮމިޓީއެއް އެކުލަވާލައި އެމްއެމްޕީއާރުސީގެ މައްސަލަ ބަލައި އެ ކޮމިޓީއިން މިއަދު ވަނީ ރިޕޯޓު ފާސްކޮށްފަ އެވެ.
އެ ރިޕޯޓު ފާސްކޮށްފައި ވަނީ އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ހިޔާނާތުގެ ލިސްޓު އެއްވެސް އުނި އިތުރެއް ނުގެނެސް ކަމަށް އެ ކޮމެޓީއިން ވަނީ ބުނެފަ އެވެ. އަދި އެ ކޮމެޓީގެ ރިޕޯޓުގައި އެ ލިސްޓް ހިމަނައި މިއަދު ހަވީރު ތިން ގަޑި ފަންސާސްހާއިރު އެ ލިސްޓް ވަނީ އާންމުކޮށްފަ އެވެ.
އެ ކޮމެޓީ ރިޕޯޓުގައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ކިޔާނާތުގައި ބައިވެރިވި ކަމަށް ނުވަތަ މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ދައުލަތުގެ މަގާމު އަދާކޮށްފައިވާ ނުވަތަ އަދާކުރަމުންދާ 119 މީހުން ހިމެނޭ ލިސްޓެއް ހިމަނާފަ އެވެ.
އެ ލިސްޓްގައި އޭނާގެ ނަން އޮތްކަން ފާހަގަކުރަށްވައި، މެންބަރު ޢަލީ ކުރެއްވި ޓްވީޓެއްގަ ވިދާޅުވީ، އޭނާއަށް އަށް އެމްއެމްޕީއާރުސީގެ ފައިސާއިން އެއްވެސް މިންވަރެއް ލިބިފަ ނުވާކަމަށެވެ.
"އަޅުގަނޑަށް އެމްއެމްޕީއާރުސީ ގެ އެއްވެސް ފައިސާއެއް ލިބިފައެއް ނޯންނާނެ. އަޅުގަނޑަކީ އެ ބޮޑު ޚިޔާނާތުގެ ބައިވެރިއެއް ނޫން. މަޖިލީހަށް ހޮވުމުގެ ކުރިން އަދީބުގެ ގާނޫނީ ވަކީލަކަށް ވުމަކީ އަޅުގަނޑުގެ ނަން ޚިޔާނާތުގެ ބައިވެރިއެއްގެ ގޮތުގައި އޮންނަންޖެހޭ ސަބަބެއް ނޫން."
ޢަލީ ވިދާޅުވެފަ ވެއެވެ.
ޢަލީ ވިދާޅުވީ، 2011 ވަނަ އަހަރުން ފެށިގެން މެއި 2014 ވަނަ އަހަރު ރައްޔިތުން މަޖިލީހުގެ މެންބަރު ކަމުގެ ހުވާކުރުމާ ހަމަޔަށް އަހްމަދު އަދީބުގެ އެދުމުގެ މަތީން ތަފާތު އެކި މައްސަލަތަކުގައާއި އަދި ދިވެހި ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ގާނޫނީ ވަކީލުގެ ހައިސިއްޔަތުން ތަފާތު އެކި މައްސަލަ ތަކުގައި ޤާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިކަން ފޯރުކޮދީ އަދި މަސައްކަތް ކޮށްދީފައިވާނެ ކަމަށެވެ.
"އެކަން ސާބިތުކޮށްދެވޭނެ ކިތާބީ އަދި ޝަފަހީ ހެކި ބަހުރި، އެއްވެސް ޒިންމާދާރު ކަމެއްނެތި ހަމަ ހޭވެސް އަހާލުމެއްނެތި އަދި ދިފާޢު ވުމުގެ ފުރުސަތުވެސް ނުދީ ރައްޔިތުންގެ މަޖިލީހުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓުކަމަށް ބުނެ ލިސްޓެއް އާންމުކޮށް މީހުންގެ އަބުރު ކަތިލުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ދަށުދަރަޖައިގެ ޢަމަލެއް މަޢުސޫމް ކިތަންމެ މީހުންނެއްގެ ފޮޓޯ އާއި ނަން ލިސްޓުގައި އެބައޮތްކަން ހަމަޔަޤީން ހަމަ ގައިމުވެސް އަޅުގަނޑު އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އެއްވެސް ގޮތަކަށް ބައިވެރި ނޯންނާނެ." ޢަލީ އިތުރަށް ވިދާޅުވިއެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓުގައި 281 ނަމެއް އެބައޮތެވެ. އެލިސްޓްގައި ހިމެނިފަވާ މީހުންނާ އެއްވެސް ސުވާލެއްވެސް ނުކޮށް އެ ލިސްޓްހާމަކުރުމުން އެ ލިސްޓްގައި ހިމެނޭ ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިއަދު ކޮމެޓީގައި ވެސް ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބުދުﷲ ރިޔާޒް އެކަން ފާހަގަ ކުރެއްވިއެވެ. އޭނާ ފާހަގަކުރެއްވިގޮތުގައި ލިސްޓް ހާމަކުރާއިރު، ލިސްޓްގައި ނަން އޮތްމީހުންގެ ތަހުގީގެއް ހިންގިފައި އޮންނަން ޖެހޭނެއެވެ. އަދި އެހެން ބައެއް މެންބަރުންވެސް އެ ލިސްޓްގަވާ އެންމެންނަކީ ފައިސާއަށް ޚިޔާނަތްތެރިވި މީހުންނޫންކަމަށް ވަނީ ފާހަގަކޮށްފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތު ލިސްޓް އާންމުކޮށްފަ ވާއިރު، އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ވަނީ އެ ލިސްޓަކީ ހުކުމެއް ނޫން ކަމަށާއި، އެ ލިސްޓުގައި ހިމެނުނު އެންމެންނަކީ ކުށްވެރިން ނޫން ކަމަށް ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!