ހއ. މުރައިދޫގައި ހިންގަމުން އަންނަ ނިޔާ އެކަޑަމީގެ ފަރާތުން އިންތިޒާމު ކޮށްގެން "ނިޔާ އެކަޑަމީ ޤްރުއާން މުބާރާތް 1442" ގެ ނަމުގައި ޤުރުއާން މުބާރާތެއް ފަށައިފިއެވެ.
މި މުބާރާތުގެ 07 މެއި 2021 ވަނަ ދުވަހު ފަށާފައިވާއިރު، މި މުބާރާތުގައި ފަސް އުމުރު ފުރާއެއްގައި ޖުމްލަ 55 ކުދިން ވަނީ ބައިވެރި ވެފައެވެ. ބަލައިގެން ކިޔުމުގެ ބަޔާއި ނުބަލާ ކިޔުމުގެ ބައި ހިމެނޭގޮތަށް ކުރިއަށް ގެންދާ މި މުބާރާތުގައި ހިމެނޭ ފަސް އުމުރު ފުރާއަކީ 6 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށުގެ އިތުރުން 16 އަހަރުން ދަށުގެ އުމުރުފުރާއެވެ.
ނިޔާ އެކަޑަމީން އިންތިޒާމް ކޮށްގެން މުރައިދޫއަށް ހުޅުވާލައިގެން މިފަދަ ޤުރުއާން މުބާރާތެއް ބެއްވުމުގެ އެންމެ ބޮޑު މަޤުޞަދަކީ އެ ރަށުގެ ކުދިންގެ މެދުގައި ދީނީ ރޫހު އާލާކުރުމާއި، ކުދިންގެ ހިތުގައި ޤުރުއާނަށް ލޯބި އިތުރު ކުރުމުގެ އިތުރުން ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ރީތިކޮށް ޤުރުއާން ކިޔަވާ ކުދިން އެރަށުގައި އުފެއްދުން ކަމުގައި ނިޔާ އެކަޑަމީގެ ފަރާތުން މައުލޫމާތު ދީފައިވެއެވެ.
ނިޔާ އެކަޑަމީއަކީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހުޅުވާފައިވާ އެކަޑަމީއެކެވެ. އެ އެކަޑަމީއަކީ އެރަށުގެ ކުދިންނަށް ފުރިހަމަ އަޚުލާގުގެ ތެރެއިން ކުޅިވަރުގެ ހުނަރުތަށް ދަސްކޮށްދެމުންގެންދާ ވަރަށް ހަރުދަނާ އުސޫލުތަކަކާއި އެކު ހިންގަމުން އަންނަ އެކަޑަމީއެކެވެ.
އެ އެކަޑަމީން އިންތިޒާމު ކޮށްގެން ފާއިތުވި 2020 ވަނަ އަހަރު ވަނީ އެ އެކަޑަމީގައި ތަމްރީނު ހަދަމުންދާ ކުދިންގެ އަންހެން ބެލެނިވެރިންނަށް ހާއްޞަ ކޮށްގެން ފުޓްސަލް މުބާރާތެއް ވެސް ބާއްވާފައެވެ. އަދި އެ އެކަޑަމީގައި ތަމްރީން ހަދަމުންދާ ކުދިންގެ މެދުގައ ވެސް ވަނީ ފުޓްސަލް މުބާރާތް ބާއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!