ހދ. ހިރިމަރަދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީ ޓީޗަރެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެއީ އިންޑިއާއަށް ނިސްބަތްވާ ޓީޗަރެކެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ އިއްޔެ އެވެ.
ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު "ތިލަދުން"އަށް ވިދާޅުވީ، އެމީހާ ޓެސްޓް ކުރީ ބަލީގެ އަލާމަތް ހުރިކަމުގެ މައުލޫމާތު ލިބިގެންނެވެ.
"އެއީ ހަނިމާދޫ މަގުން މިކޮޅަށް އައިސް ކަރަންޓީނުގައި ހުރި އިންޑިއާ ޓީޗަރެއް، ކަރަންޓީނުވިތާ ދެތިން ދުވަސްފަހުން ބަލީގެ އަލާމަތް ހުރިކަމަށް މައުލޫމާތު ލިބިގެން ޓެސްޓް ކުރީ، އޭނާ ކަރަންޓީނުގަ ހުރުމުން އިތުރު މީހަކާ ބައްދަލުވެފަ ނުވާކަމަށް ސިއްހީ މަރުކަޒުން ވަނީ މައުލޫމާތު ދެއްވާފަ" ވަޙީދު ވިދާޅުވިއެވެ.
ހިރިމަރަދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީ ޓީޗަރެއް ކޯވިޑް-19 އަށް ޕޮޒިޓިވްވިއިރު ރާއްޖޭގައި ކޯވިޑް ބަލީގެ ހާލަތު ވަނީ ވަރަށް ގޯސްވެފަ އެވެ. އަދި އަތޮޅުތަކުގެ ގިނަ ރަށްތަކަކުން އެ ބަލި ދަނީ ފެންނަމުންނެވެ.
ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވާމީހުންގެ ނިސްބަތް ވަރަށް މައްޗަށް ގޮސްފައިވާއިރު އިއްޔެ ވެސް 703 މީހަކު ޕޮޒިޓިވްވިއެވެ. އިއްޔެގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން ރޭ ހާމަކުރެއްވި މައުލޫމާތަށް ބަލާއިރު، އިއްޔެ ކޯވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 526 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. 167 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން ހަތް މީހަކު ޕޮޒިޓިވްވެފައިވެއެވެ. އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްތަކުންވެސް ތިން މީހަކު ޕޮޒިޓިވްވެފައިވެއެވެ.
ރާއްޖެއިން މިހާތަނަށް ޖުމްލަ 33،368 މީހަކަށް ވަނީ މިބަލި ޖެހިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!