ރާއްޖެއިން ކޯވިޑަށް ފަރުވާދެމުންދިޔަ އިތުރު މީހަކު ނިޔާވެ، މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 81 އަށް އަރައިފި އެވެ.

އިއްޔެ ވެސް ވަނީ މިބަލީގައި 6 މީހަކު ނިޔާވެފަ އެވެ. މިއަދު ނިޔާވީ ކ. މާފުށީގައި އައިސޮލޭޝަނުގައި ހުރި އުމުރުން 37 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

Ad
rt

އިއްޔެ ނިޔާވީ މާލޭ ސިޓީން ނިޔާވި 3 މީހަކާއި ޅ. ނައިފަރުން ނިޔާވި 2 ދެ މީހަކު އަދި އއ. ރަސްދޫގައި ނިޔާވި މީހަކެވެ.

ރާއްޖެއިން މިހާތަނަށް 33،368 މީހަކު މިބަށްޔަށް ވަނީ ހުށަހެޅިފަ އެވެ. އިއްޔެ އެކަނި ވެސް 703 މީހަކު ޕޮޒިޓިވްވި އެވެ. އެއީ މާލެ ސަރަަހައްދުން ޕޮޒިޓިވްވި 526 މީހުންނާއި، އަތޮޅުތަކުން ޕޮޒިޓިވްވި 167 މީހުން ނެވެ. ރިސޯޓްތަކުން ހަތް މީހަކު ޕޮޒިޓިވްވެފައިވެއެވެ. އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްތަކުންވެސް ތިން މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ކޯވިޑް ހާލަތު ގޯސްވުމުން އަތޮޅު ތެރޭގެ 5 ރަށެއްގައި ކާފިއު ހިންގުމަށް ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ރޭ ނިންމާފަ އެވެ. އެއީ ޅ. ނައިފަރާއި، ކ. މާފުށްޓާއި، އއ. މަތިވެރިއާއި، އއ. އުކުޅަހާއި، އަދި ބ. އޭދަފުއްޓެވެ.

މިރަށްރަށުގައި ވަނީ މިއަދުގެ ހަވީރު 4:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން އެޗްޕީއޢޭއިން އެ ނިންމުން ނިމުމަކަށް ގެންނަންދެން މަނާކޮށްފަ އެވެ.

މީގެއިތުރުން މާލެ ސަރަހައްދުގައި ވެސް ވަނީ ރޭގަނޑު 12 އިން ފަތިހު 4 އަށް ކާފިޔުހިންގާފަ އެވެ. ކެފޭ، ހޮޓާ، ރެސްޓޯރެންޓް އަދި ފިހާރަތައް ވެސް ރޭގަނޑު 9 ޖަހާއިރު ބަންދު ކުރަން ވަނީ އަންގާފަ އެވެ. ސްކޫލް، ކޮލެޖް، ޔުނިވާސިޓީތަކާއި، ޕާކު، މައިޒާން، ޖިމް އަދި ސެލޫންތައް ވެސް ވަނީ ބަންދު ކޮށްފަ އެވެ.