މޯދީއާއި ދެކޮޅަށް މުޅި ބަންގްލަދޭޝްގައި މުޒާހަރާ ކުރަނީ

bangladesh protects

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބަނގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅާ ދެކޮޅަށް އެ ގައުމުގައި ފެށި މުޒާހަރާތައް ވަރުގަދަވެ، މުޅި ބަނގްލަދޭޝްއަށް ފެތުރިފައިވާ ކަމަށް ބައިނަލްއަގްވާމީ މީޑިއާ ބުނެފިއެވެ.

އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުން މޯދީ ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅާއި ގުޅިގެން ފެށުނު މުޒާހަރާތަކުގެ 3 ވަނަ ދުވަހު، އެ މުޒާހަރާތައް ވަނީ މުޅި އެ ގައުމަށް ފެތުރިފައެވެ.

ތިންވަނަ ދުވަހުގެ މުޒާހަރާ ތަކުގައި ފުލުހުންނާއި، އާންމު ރައްޔިތުންނާ ދެމެދު ހިނގިކުރިމަތިލުންތަކުގައި ގިނަ އަދަދެއްގެ އާންމުން ޒަޚަމްވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. މުޒާހަރާގެ ބައިވެރިން މިދިޔަ އާދީއްތަ ދުވަހުވަނީ ހިންދޫ ފައްޅިއަކަށާއި، އީސްޓަން ބަންގްލަދޭޝްގެ ރޭލަކަށް ވެސް ހަމަލާދީފައެވެ.

މި މުޒާހަރާތަކުގައި އިސްކޮށް ތިބީ ބަނގްލަދޭޝްގެ ހަޒްރަތޭ އިސްލާމް ނަމަކަށްކިޔާ ޖަމާއަތެކެވެ. އެ ޖަމާއަތާއި އެ މުޒާހަރާތަކުގައި ބައިވެރިވާ އެގައުމުގެ އެހެން ރައްޔިތުން ނުރުހުން ފާޅުކުރަމުން ދަނީ މޯދީއާއި، އޭނާގެ ހަރުކަށި ބީޖޭޕީގެ ސަރުކާރުން އިންޑިއާގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކާ ދެކޮޅަށެވެ.

168 މީހުންގެ އާބާދީއެއްގެ މުސްލިމް މެޖޯރިޓީ އޮންނަ ބަންގްލަދޭޝްގައި ކުރިއަށްދިޔަ މި މުޒާހަރާތަކުގައި ފުލުހުން ބަޑިޖެހުމުގެ ސަބަބުން ހުކުރު ދުވަހު 5 މީހުން މަރުވެފައިވާއިރު، ހޮނިހިރު ދުވަހު ވަނީ 6 މީހުން މަރުވެފަ އެވެ. މުޒާހަރާތައް ހޫނުވެ، މުޅި ގައުމަށް ފެތުރުނީ އެ ސަބަބާހުރެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މޯދީ މިދިޔަ ހުކުރު ދުވަހު ބަނގްލަދޭޝްއަށް ވަޑައިގެންނެވީ އެގައުމުގެ 50 ވަނަ މިނިވަންދުވަސް ފާހަގަކުރުމާއި، ބަނގްލަދޭޝްގެ މިނިވަންކަމުގެ ބާނީ ޝައިޚް މުޖީބުއްރަހްމާންގެ އުފަންދުވަސް ފާހަގަކުރުމަށް ބޭއްވި އިހުތިފާލުގައި ބައިވެރިވެވަޑައި ގަތުމަށެވެ.

އެ ދަތުރުފުޅުގައި މޯދީވަނީ ބަންގްލަދޭޝްގެ ބައެއް ފައްޅިތަކަށް ވެސް ޒިޔާރަތް ކުރަށްވާފަ އެވެ.

މޯޑީގެ ލީޑަރޝިޕްގެ ދަށުން އިންޑިއާގެ މުސްލިމުންނަށް އިހްމާލްވެ، މުސްލިމުންގެ ހައްގުތައި ނިގުޅައިގެންފައިވާކަމަށް، އިންޑިއާގެ މުސްލިމުންގެ އިތުރުން ބައިނަލް އަގްވާމީޖަމިއްޔާއެއް ކަމަށްވާ، ހިއުމަން ރައިޓްސް ވޮޗުންއިން ވެސް މިދިޔަ އަހަރުވަނީ ބުނެފަ އެވެ.

އިންޑިއާއިން ފާސްކޮށްފައިވާ ރަށްވެހިކަމުގެ ގާނޫނުގެ ސަބަބުން އިންޑިއާގެ އާބަދީގައި ހިމެނޭ އެތައް މިލިއަން މުސްލިމުންގެ ހައްގުތައް ގެއްލިގެން ހިނގައިދާނެކަމުގެ ބިރު އެބައޮތް ކަމަށް ބަޔާންކޮށް، އިންޑިއާއިން ފާސްކޮށްފައިވާ ނަސްލީ ތަފާތުކުރުމުގެ ރަށްވެހިކަމުގެ ގާނޫނާއި، އެފަދަ ސިޔާސަތުތައް އުވާލުމަށް ގޮވާލައި ހިއުމަން ރައިޓްސް ވޮޗުން 82 ސަފްހާގެ ރިޕޯޓެއް ނެރުނީ 12 އޭޕްރިލް 2020 ވަނަ ދުވަހުއެވެ.

ހިއުމަން ރައިޓްސް ވޮޗުގެ ރިޕޯޓްގައި އިތުރަށް ބުނެފައި ވަނީ މުސްލިމުންނަކީ، އިންޑިއާގެ ދެވަނައަށް އެންމެ އާބާދީބޮޑު ދީނުގެ މީހުންނަށް ވާއިރު، މުސްލިމުންގެ އިތުރުން، ބައިމަދު އެހެން ދަރިކޮޅުތަކުގެ މީހުންގެ މެދުގައިވެސް، ރަށްވެހިކަމުގެ ގާނޫނުގެ ސަބަބުން ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

11 ޑިސެމްބަރު 2019 ވަނަ ދުވަހު އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކުރި ސިޑިޒަން އެމެންޑްމަންޓް ޤާނޫނު (ސީއޭބީ) ފާސްކުރިއިރު މިޤާނޫނާއި މެދު އެތައް ހިޔާލު ތަފާތު ވުން ތަކެއް އުފެދުނެވެ. ސަބަބަކީ އިންޑިއާއާ އަވަށްޓެރި ތިން ގައުމު ކަމަށްވާ ބަނގްލަދޭޝް، އަފްޣާނިސްތާން އަދި ޕާކިސްތާނުގައި ދިރިއުޅޭ ހިންދޫ، ސިކުން، ބުދިސްޓުން، ޖެއިންސް، ޕަރްސިސް އަދި ކްރިސްޓިއަނުންނަށް ރަށްވެހިކަން ދޭން ޤާނޫނުގައި ކަނޑައަޅާފައި ވާއިރު، މުސްލިމަކަށް އިންޑިއާގެ ރަށްވެހިކަން ނުދޭން ޤާނޫނުގައި ކަނޑައަޅާފައި ވުމުންނެވެ.

މިކަމާއި ފާޑުކިޔާ ފަރާތްތަކުން ބުނަމުން އައީ ޕާކިސްތާން، ބަންގްލަދޭޝް އަދި އަފްޤާނިސްތާނުގެ މުސްލިމުންނަށް ރަށްވެހިކަން ނުލިބޭ ގޮތަށް ފާސްކުރި ޤާނޫނުގެ ސަބަބުން އެ ގައުމުގެ ސެކިއުލަރ ގާނޫނު އަސާސީއާ ތައާރަޒުވާ ކަމަށެވެ.

މުސްލިމުންނަށް ރައްޔިތުންކަން ނުލިބޭ ގޮތަށް ފާސްކުރި ބިލު، ގާނޫނު ހަދާ މަޖިލީހަށް ހުށައެޅި ހިސާބުން އިންޑިއާގެ އެކި ސަރަހައްދުތަކުގައި ވަނީ މުޒާހަރާ ކޮށްފައެވެ. ހާއްސަކޮށް އައްސާމް ސްޓޭޓްގައި ކުރި މުޒާހާރާގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިން ދެމެދުގައި ކުރިމަތިލުންތަކެއް ވަނީ ހިނގާފައެވެ. ވެރިރަށް ނިއު ދިއްލީ އާއި އިންޑިއާގެ އެކި ހިސާބުތަކުގައި ވެސް މިމުޒާހަރާތައް ކުރިއަށްގެންދިޔައެވެ. ނިއު ދިއްލީގައި ދަރިވަރުން ކުރި މުޒާހަރާ ރޫޅާލުމަށް ކަރުނަގޭސް ޖަހައި 40 ދަރިވަރަކު ހައްޔަރު ވެސް ކުރި އެވެ. ކެރަލާ އާއި ކަރްނާޓަކާގައި ވެސް ދެކޮޅުވެރިކަމުގެ އެއްވުންތައް ބާއްވާފައިވެ އެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ގުވަހާޓީގައި ކާފިއު ހިންގައިފައި ވީނަމަވެސް މުޒާހަރާކުރާ މީހުން ކާފިއު އަށް ބެލުމެއް ނެތި މަގުތަކަށް ނުކުމެފައިވެ އެވެ.

މި މުޒާހަރާގެ ސަބަބުން 1000 މީހުން ހައްޔަރު ކުރެވި ގާތްގަނޑަކަށް 23 މީހުން މަރުވިއެވެ. ހުއްޓުމެއްނެތި މުޒާހަރާތައް ދިގުލައި ދިޔައިރު އުމުރުން 8 އަހަރުގެ ކުއްޖަކުވެސް ވަނީ މަރުވެފައެވެ.

ރަށްވެހިކަމުގެ ގާނޫނަށް ގެނައި ބަދަލުގައިވާ ގޮތުން އެ ގައުމުން ރަށްވެހިކަން ހޯދަން ބޭނުންވާ ހިންދޫންނާއި ސިކުންނާއި ބުޑިސްޓުންނާއި ޖައިނުންނާއި ނަސާރާއިންނާއި މަޖޫސީންނަށް ހާއްސަ އިމްތިޔާޒުތަކެއް ކަނޑައަޅާފައި އެވެ. ނަމަވެސް މުސްލިމުންނަކަށް އެ ފުރުސަތެއް ނެތެވެ. ބިލުގައި ބުނެފައި ވަނީ 1955 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ދެމެދު އިންޑިއާ އަށް ހިޖުރަކޮށްފައިވާ މުސްލިމުންނަށް ރަށްވެހިކަން ލިބޭނީ އެމީހުންގެ އަތުގައި ކަމާބެހޭ ލިޔެކިޔުންތައް ހުރުމުންނެވެ.

އިންޑިއާގައި ދިރިއުޅެމުން އަންނަ އެތައް މިލިއަން މުސްލިމުންގެ ޙައްޤުތަކަށް އުނިކަން އަންނަ ގޮތަށް އިންޑިއާގެ މަޖިލީހުން ފާސްކުރި ރަށްވެހިކަމުގެ ޤާނޫނާއި މެދު އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތުން ފެށިގެން އިންޑިއާގެ ފާޑުކިއުންތެރިންގެ ނަޒަރުގައި ވެސް މިއީ ސީދާ މުސްލިމުންނަށް އަމާޒުކޮށް، ބީޖޭޕީ ސަރުކާރުން ފާސްކުރި ޤާނޫނެކެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ސިފަަކުރި ގޮތުގައި މުޅި ގާނޫނުގެ ބިންގަލުގެ އަސްލަކީ ތަފާތުކުރުމެވެ. އެކަމަކު ބީޖޭޕީގެ ސަރުކާރުން ބުނާ ގޮތުގައި އެއީ މުސްލިމުންނާ ތަފާތުކުރަން ހެދި ގާނޫނެއް ނޫނެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެފައިވާ ގޮތުގައި ސީއޭބީ އަކީ އިންޑިއާގެ އެއްވެސް ރައްޔިތަކަށް އަމާޒުކުރި ގާނޫނެއް ނޫނެވެ. އަދި އާންމުންނަށް އޮޅުވާލައި، ހަމަނުޖެހުން ހިންގަނީ އިދިކޮޅު ފަރާތްތަކުން ކަމަށް މޯދީ ވަނީ ތުހުމަތު ކުރައްވާފައެވެ.

 

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި