ހއ. ބާރަށުން ކޯވިޑް-19 ކޭސްތަކެއް ފެނުމާއި ގުޅިގެން މާރިޗް 1 ވަނަ ދުވަހުގެ ރޭން ފެށިގެން އަދިވެސް އެރަށަށް ފުރަބަންދުގެ ހާލަތުގައި އޮތްއިރު، އެ އަތޮޅު ފިއްލަދޫ ރައްޔިތުންގެ ފަރާތުން ބާރަށު ރައްޔިތުންނަށް އެހީތެރިވުމށް ޓަނެއްހާ ރޯމަސް މިއަދު ހަދިޔާކޮށްފިއެވެ.

މިގޮތުން ފިއްލަދޫ ރައްޔިތުންގެ ފަރާތުން ބާރަށު ރައްޔިތުންނަށް ހަދިޔާ ކުރީ، 917 ކިލޯ ރޯމަހެވެ.

Ad
rt

ބާރަށުގެ ރައްޔިތުން ރަށުގައި ބަންދުވެފައިވައިތިބި މިހާލަތުގައި ފިއްލަދޫގެ އިތުރުން އެ އަތޮޅުގެ ބައެއް ރަށްތަކުން ވަނީ ކުރިން ވެސް ބާރަށަށް އެހީތެރިކަން ފޯރުވައިދީފަ އެވެ.

މިގޮތުން އެ އަތޮޅު މުރައިދޫ ރައްޔިތުންގެ ފަރާތުން 1113 ކިލޯ ރޯ މަހުގެ އިތުރުން ކާޑާއި އަދި ނޫޑުލުސް ވެސް ބާރަށުގެ ރައްޔިތުންނަށް ވަނީ ހަދިޔާ ކޮށްފައެވެ. އަދި އުތީމު ރައްޔިތުންގެ ފަރާތުން ވެސް ވަނީ 1400 ކިލޯ ރޯ މަސް ހަދިޔާކޮށްފަ އެވެ.

ފިއްލަދޫ ރައްޔިތުން މިއަދު ބާރަށަށް ހަދިޔާ ކުރި މަސް، ފޮޓޯ: ފިއްލަދޫ ކައުންސިލް

މީގެ އިތުރުން ރައްޔިތުންގެ މަޖިލިސްގައި ބާރަށް ތަމްސީލް ކުރަށްވާ، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދުﷲ ވަނީ 979 ކިލޯ ރޯމަސް ހަދިޔާ ކޮށްފަ އެވެ. އަދި 13،750 ފޭސް މާސްކާއި، 360 ފުޅި ހޭންޑް ސެނިޓެއިޒަރ ވެސް މެންބަރު އަޙްމަދު ވަނީ ހަދިޔާ ކުރަށްވާފަ އެވެ.

ބާރަށުން އެކުގައި ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. އަދި އެމީހުންނާއި އިތުރު މީހުން ރަށުތެރެއިން ބައްދަލުވެފައި ވުމުން، މާރިޗް 2 ވަނަ ދުވަހު 6 މީހެއްގެ ސާމްޕަލް ނެގިއެވެ. އޭގެ ތެރެއިން 4 ސާމްޕަލެއް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

ބާރަށުން ޖުމްލަ 36 މީހަކު މިހާތަނަށް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.