މީގެ އަހަރުތަކެއް ކުރިން ދުނިޔޭގެ އެކި ގައުމުތަކުގެ ހޮސްޕިޓަލުތަކުން ފެނުނު ނުރައްކާތެރި "ސުޕާ ބަގް" އިންޑިއާގެ ވަކިން އޮންނަ ކުޑަ ރަށެއްގެ ގޮނޑުދޮށުން ފެނިއްޖެއެވެ.
މި ނުރައްކާތެރި ފަންގަސް އެންމެ ފުރަތަމަ ފެނުނީ ޖަޕާނުންނެވެ. އެއީ 2009ގަ އެވެ. އެއަށްފަހު ދުނިޔޭގެ އެކި ގައުމުތަކުގައި މި ފަންގަސް ވަނީ ފެނިފައެވެ. ނަމަވެސް އެއީ ކިހިނެތް އިންސާނުންނަށް ފެތުރޭ އެއްޗެއްކަން އޮތީ ނޭނގިއެވެ.
މި ފެނުނު އާ ހެކިތަކާއެކު މި ފަންގަސްއާ ގުޅޭގޮތުން ކުރަމުން އައި ދިރާސާތަކަށް އިތުރު އައްޔެއް އެޅޭނެ ކަމަށް ސައިންސްވެރިން ގަބޫލު ކުރެއެވެ. އަދި އެ ފަންގަސް އައިސްފައިވަނީ ކޮންތާކުންކަން ދެނެގަންނަން ފަސޭހަވާނެ ކަމަށް ވެސް އެ މީހުން ގަބޫލު ކުރެއެވެ.
މި ފަންގަސްއިން ލޭގެ އިންފެކްޝަންތައް އުފައްދައެވެ. ހާއްސަކޮށް ކެތެޓާ އާއި ފީޑިން ޓިއުބާއި ބްރީތިން ޓިއުބް ބޭނުން ކުރާ މީހުންނަށް މީގެ ނުރައްކާތެރިކަން ބޮޑެވެ.
ސެންޓަ ފޯ ޑިސީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން މައުލޫމާތު ދޭގޮތުގައި މި ފަންގަސްއަށް ބޭސް ކުރުމަކީ ވަރަށް ދަތިކަމެކެވެ. ސަބަބަކީ ފަންގަސްތަކާ ދެކޮޅަށް ބޭނުން ކުރާ ގިނަ ބޭސްތަކުން މި ފަންގަސްއަށް އެއްވެސް އަސަރެއް ނުކުރުމެވެ. 2019ވަނަ އަހަރު ސީޑީސީން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާން ކޮށްފައެވެ.
ސައިންސްވެރިން ދަނީ މި ފަންގަސްއާ ގުޅޭ އިތުރު ތަހުގީގުތައް ކުރަމުންނެވެ. ނަމަވެސް މިހާތަނަށް މި ފަންގަސް މަރާލެވޭ ބޭހެއް އުފެއްދިފައި ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!