ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މުވައްޒަފުން، އެ މަރުކަޒުގައި ބަހައްޓާ ވޯޓު ފޮށްޓަށް ވޯޓު ލުމަށް ރީ-ރެޖިސްޓަރ ކުރަން މަޖުބޫރު ކުރަމުންދާ ކަމަށް އިދިކޮޅު، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
އެ ކޯލިޝަނުން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނީ ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ލޯކަލް ކައުންސިލް އިންތިޚާބަށް ވޯޓުލުމަށް ބަހައްޓާ ވޯޓުފޮށްޓަށް ވޯޓު ލުމަށް ރީ-ރެޖިސްޓަރ ކުރުމަށް އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަޖުބޫރުކުރަމުންދާ ކަމުގެ ޝަކުވާތައް އެ ކޯލިޝަނަށް ލިބެމުންދާ ކަމަށެވެ.
އެ ގޮތަށް އެންގުމަކީ ކަނޑައެޅިގެން މިނިވަންކަމާއެކު ވޯޓުލުމުގެ ޙައްޤަށް އަރައިގަތުން ކަމުގައި ދެކޭކަމަށް އެ ކޯލިޝަނުން ބުނެފަ ވެއެވެ.
''މީގެ ކުރިން މި މަރުކަޒުގައި ވޯޓުލުމަށް ވޯޓު ފޮށްޓެއް ބަހައްޓާފައެއް ނުވެއެވެ. އަދި އެތަނުގައި މަސައްކަތް ކުރާ
މުއައްޒަފުންނަކީ ކ. ގުރައިދޫއަށް ނިސްބަތްވާ މުވައްޒަފުންނަށް ވެފައި، ރަށުގެ ރައްވެހިންނަށް ވޯޓްލުމަށް ބަހައްޓާ ވޯޓް ފޮއްޓަށް ވޯޓުލުމަށް އެ މުވައްޒަފުން ބޭނުންވާއިރު، ވަކި ފޮށްޓަކަށް ރަޖިސްޓްރީ ކުރުމަށް އެފަރާތްތަކަށް މަޖުބޫރުކުރުމަކީ ވޯޓަށް ނުފޫޒު ފޯރުވުން ކަމަށްވާތީ މިފަދަ ޢަމަލުތައް ހުއްޓާލުމަށް މި ކޯލިޝަނުން ގޮވާލަމެވެ.'' އެ ނޫސްބަޔާނުގައި ބުނެފަ ވެއެވެ.
އެ ކޯލިޝަނުން ބުނީ، ދިވެހި ކޮންމެ ރައްޔިތަކަށްވެސް މިނިވަންކަމާއެކު އެމީހަކު ބޭނުންވާ ތަނަކަށް ވޯޓުލުމުގެ ޙައްޤު ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ލިބިދޭ ކަމަށެވެ. އެހެންކަމުން، މިކަންކަން އިލެކްޝަންސް ކޮމިޝަނުން ބައްލަވާ މިފަދަކަންކަން ހިނގިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިދިނުމަށް ގޮވައިލާ ކަމަށް އެ ނޫސްބަޔާނުގައި ބުނެފަ ވެއެވެ.
ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު އޮންނާނީ އަންނަ މަހުގެ10 ވަނަ ދުވަހުއެވެ. އެ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާ ތަންތަން އީސީއިން މިހާރު ޢިއުލާންކޮށްފައިވާއިރު، އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ އިންތިޚާބުގައި ވޯޓު ލުމަށް ރީ-ރެޖިސްޓަރ ކުރަން ހުޅުވާ؛ލި ފުރުޞަތު ބަންދުވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!