ހއ. ބާރަށުން އިތުރ 3 މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެ، އެ ރަށުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 25 އަށް އަރައިފިއެވެ.
ހއ. އަތޮޅު ހޮސްޕިޓަލުން ވަނީ ބާރަށުން ނެގުނު ސާމްޕަލްތަކުގެ ތެރެއިން އިތުރު 3 މީހެއްގެ ސާމްޕަލެއް ޕޮޒިޓިވްވެފައިވާކަން ''ތިލަދުން''އަށް ކަށަވަރުކޮށް ދެއްވާފައެވެ.
އެ ހޮސްޕިޓަލުން ވިދާޅުވި ގޮތުގައި އެންމެ ފަހުން މާލެ ފޮނުވުނު ހުރިހާ ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބެއެވެ.
ބާރަށުގައި އެކުގައި ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. އަދި އެމީހުންނާއި އެރަށުތެރެއިން އިތުރު މީހުން ބައްދަލުވެފައި ވުމުން، ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވުނު 6 މީހެއްގެ ސާމްޕަލް ޖެހިގެންއައި ދުވަހު ނެގިއެވެ. އޭގެ ތެރެއިން 4 މީހެއްގެ ސާމްޕަލް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.
އެރަށުން އިތުރުބަޔެއް ޕޮޒިޓިވްވުމުން މިމަހުގެ 3 ވަނަ ދުވަހު ވަނީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައާއި، ރެންޑަމް ސާމްޕަލްގެ ގޮތުގައި 158 މީހެއްގެ ސާމްޕަލް ނަގާފައެވެ. އެ ސާމްޕަލްތަކުގެ ނަތީޖާއިން ރެޔާ ހަމައަށް ވަނީ އިތުރު 9 މީހެއްގެ ޕޮޒިޓިވް ވެފައެވެ.
ބާރަށުގެ ހާލަތު ވަޒަން ކުރުމަށް މިމަހުގެ 4 ވަނަ ދުވަހު ވެސް، ހއ. އަތޮޅު ހޮސްޕިޓަލުން ވަނީ ބާރަށުގައި ސާމްޕަލް ނެގުން ކުރިއަށް ގެންގޮސްފައެވެ. މިގޮތުން މާރިޗް 4 ވަނަ ދުވަހުގެ ރެޔާ ހަމައަށް ޖުމްލަ 216 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ.
ބާރަށުން ސާމްޕަލް ނެގުމުގައި ވަނީ ހއ. އަތޮޅު ހޮސްޕިޓަލްގެ ޓީމެއްގެ އިތުރުން ދިއްދޫ ޕޮލިސް ސްޓޭޝަންގެ ޓީމަކާއި، ދިއްދޫގައި ތިއްބަވާ އެމްއެންޑީއެފްގެ ޓީމަކާއި، އިހަވަންދޫ އައިމިނާދިޔޯ ހެލްތު ސެންޓަރުގެ ޓީމެއް ވެސް ހަރަކާތްތެރި ވެފައެވެ.
ބާރަށުން ޕޮޒިޓިވްވި މީހުންގެ ޢަދަދު 25 އަށް އެރިއިރު، ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވެ، މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުން ވެސް ގިނަ ޕޮޒިޓިވް ކޭސްތަކެއް ފެންނަމުން ނެވެ. އަދި ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވެފައިވަތީ، ޢިއުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދަންމާލައި، މާލެ ސަރަޙައްދުގައ އަޅާފައިވާ ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!