ހއ. ދިއްދޫގައި ''އަމާންވެށި'' ގާއިމުކޮށް، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންބަލައި ބޮޑުކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭން ދިއްދޫ ކައުންސިލުން މިދިޔަ އަހަރު އެދުމުން، މިއަހަރު ކޮންމެހެންވެސް އެކަން ކޮށްދިނުމަށް ބޭނުންފުޅުވިކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ، ޖެންޑާ މިނިސްޓްރީއިން ދިއްދޫގައި ގާއިމުކުރި ''ހއ. އަމާންވެށި'' ހުޅުވުމަށް މިއަދު އެރަށަށް ވަޑައިގެން، އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަ ފުޅުގައެވެ.
މިިިނިސްޓަރު އައިޝާ ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންތެރެއިން ކުދިން ކޮޅެއް ބަލާ ބޮޑުކޮށް ތަރުބިއްޔަތުކޮށް ރަނގަޅު ދިވެހި ރައްޔިތުންގެ ގޮތުގައި ހެދުމަށް، ބޭނުންވާތީ، ދިއްދޫގައި ''އަމާން ވެއްޓެއް''ގާއިމުކޮށް ދިނުމަށް އެދި ދިއްރައްޔިތުންގެ ފަރާތުން، ދިއްދޫ ކައުންސިލުން މިދިޔަ އަހަރުގެ ތެރޭގައި ޖެންޑަރ މިނިސްޓްރީއަށް ސިޓީއެއް ލިބުނު ކަަމަށެވެ. އެހެން ކަމުން މިއަހަރު ކޮންމެހެންވެސް އެކަން ކޮށްދޭން ބޭނުންފުޅުވިކަމަށް އެކަމަނާ ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވިގޮތުގައި، މިއަދު ދިއްދޫ އަމާން ވެއްޓަށް ގެންދެވުނީ ތިން ޢާއިލާއަކަށް ނިސްބަތްވާ 15 ކުދިން ކަމަށެވެ.
''އެކުދިންނަކީ ކުޑަކުދިންގެ ހިޔާއާއި ފިޔަވަތީގައި ޢާއިލާއާއި ވަކިން، ދެ ތަނުގައި ބޮޑުވަމުންދާ ކުދިން، މިއަދު އަޅުގަނޑުމެން ކޯވިޑްއައިފަހުން އެކަކު އަނެކަކާ ބައްދަލުނުވެ ތިބެފަ ބައްދަލުވެ މިތަނަށް މިއައީ'' މިނިސްޓަރު ވިދާޅުވިއެވެ.
''އަޅުގަނޑުމެންގެ އުންމީދަކީ ހެޔޮގޮތުގައި ރަނގަޅުގޮތުގައި މިރަށް، ޚާއްޞަކޮށް މިރަށުގައި، މިރަށުގެ ސްކޫލްގައި މިރަށު ރައްޔިތުންނާއެކު މިކުދިން ބޮޑުވުން، އަޅުގަނޑު މިހެން ބައްދަލުވާ ދުވަސް ދުވަހު ބުނެލަންބޭނުންވާ ދެތިން އެއްޗެއް އޮވޭ، އެއްވާހަކައަކީ އަޅުގަނޑުމެން މިކޮޅަށް، ދައުލަތުގެ ބެލުމުގެ ދަށަށް ނެގިފައި ތިބޭ ކުދިންނަކީ ކުށުގެ މާހައުލުން ނެގިފައި ތިބޭ ކުދިން، ދިމާވާ އެކި ހާދިސާތަކާހެދި މައިންބަފައިންނާއެކީ މިވަގުތު ދިރިއުޅެން ނެތީމަ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން މިކުދިންނަކީ ހަމަ އަޅުގަނޑުމެންގެ އަމިއްލަ ކުދިންފަދަ މައުސޫމް ރަނގަޅު ކުދިން، މިކުދިންނަށް ބޭނުންވަނީ ލޯތްބާއި އަޅާލުމާއި، މައިވަންތަކަމުގެ ކުލުނު'' މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.
މިނިސްޓަރު އައިޝާ ވިދާޅުވީ އެ ކުދީން އަލަށް ރަށަކަށް އަންނައިރު، އެ މާހައުލަކާ ބީރަށްޓެހިވާނެ ކަމަށެވެ. އަދި އެރަށުގެ ރައްޔިތުންނާވެސް ބީރަށްޓެހިވާނެ ކަމަށެވެ.
''އެހެންވީމަ މިއަދު ތިޔަވިދާާޅުވި މަރުހަބާ ކޮންމެ ދުވަހަކުވެސް ވިދާޅުވެ ދެއްވުން އެދެން،'' މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިއަދު އެރަށު އަމާންވެއްޓަށް ގެންދެވުނު ކުދީންގެ ކަރަންޓީން ފުރިހަމަ ކުރުމަށްފަހު، ވަރަށް ބޮޑު ރަށުތެރެ ބަލައިލަން ބޭނުންވާނެ ކަމަށެވެ. އެކުދިންނާ ބައްދަލުވުމުން، އެ ކުދިންނަކީ ދޭތެރޭ އަމިއްލަ ދަރިންހެން ބައްލަވައި، ލޯބި ދިނުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.
މިނިސްޓަރު އައިޝާ ވިދާޅުވީ، އެކަމަނާ އަމާންވެށިތައް ހުޅުވަން ރަށްރަށަށް ވަޑައިގަންނަވާއިރު، ކުދިން ގޮވައިގެން އަންނަންނަ އެންމެ ބޮޑު ސަބަބަކީ އެ ކުދިންނަކީ ''އަޅުގަނޑުމެންގެ ކުދިންކަމަށް ދަންނަވަން'' ކަމަށެވެ. އެއީ ދައުލަތުގެ ކުދިންކަމަށާއި، މުޖުތަމައުގެ ވެސް ކުދިން ކަމަށާއި އެހެން ކަމުން އެކުދީންނަށް ލޯތްބާއި އަޅާލުން ދެއްވައިގެން ބަލައިދިނުން އެދޭ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!