ހއ. ބާރަށުން މިހާތަނަށް 22 މީހަކު ކޯވިޑް-19އަސޤ ޕޮޒިޓިވްވެ، ރައްޔިތުން ހާސްކަންމަތީ ތިބި ދަނޑިވަޅުގައި އަވަށްޓެރި މުރައިދޫ ރައްޔިތުންގެ ފަރާތުން، ބާރަށު ރައްޔިތުންނަށް ހިތްވަރުދީ އެހީތެރިވުމުގެ ގޮތުން ރޯ މަސް ހަދިޔާ ކޮށްފިއެވެ.

ބާރަށުން ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. އަދި އެމީހުންނާއި އިތުރު މީހުން ބައްދަލުވެފައި ވުމުން ޖެހިގެންއައި ދުވަހު 6 މީހެއްގެ ސާމްޕަލް ނެގިއެވެ. އޭގެ ތެރެއިން 4 ސާމްޕަލެއް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.

Ad
rt

މީގެއިތުރުން ބާރަށުގެ ހާލަތު ވަޒަން ކުރުމަށް ރެންޑަމް ސާމްޕަލްގެ ގޮތުގައިއާއި، ޑައިރެކްޓް ކޮންޓެކްޓުން ގޮތުގައި ފާހަގަވި އިތުރު މީހުން ހިމެނޭހެން އިތުރު 158 މީހެއްގެ ސާމްޕަލް އިއްޔެ ވަނީ މާލެ ފޮނުވާފައެވެ. އޭގެ ތެރެއިން މިހާތަނަށް 9 މީހެއްގެ ސާމްޕަލް ވަނީ ޕޮޒިޓިވްވެފަ އެވެ.

ބާރަށު ރައްޔިތުންނަށް މި ހާސްކަން ކުރިމަތިވި ދަނޑިވަޅު، އަވަށްޓެރި މުރައިދޫގެ ރައްޔިތުންގެ ފަރާތުން ވަނީ އެކުވެރިކަމުގެ ރީތި މިސާލެއް ދައްކައި، މުރައިދޫ ރައްޔިތުންގެ ފަރާތުން ބާރަށު ރައްޔިތުންނަށް ކަނޑުމަސް ހަދިޔާކޮށްފައެވެ.

މިގޮތުން އެކަމުގައި އިސްކޮށް އުޅުނު މުރައިދޫގެ ޙުސައިން ވިޝާލް ''ތިލަދުން''އަށް ބުނީ ބާރަށަކީ މުރައިދޫގެ އެންމެ ގާތް އެކުވެރިޔާ ކަމަށެވެ.

''އަޅުގަނޑުމެން މުރައިދޫ ރައްޔިތުންގެ އެންމެ ގާތް އެކުވެރިޔާ ބާރަށު ރައްޔިތުން މިވަގުތު އެތިބީ ފުރަބަންދުގެ ހާލަތުގައި، އެހެންވެ އެ ރައްޔިތުންނަށް ހިތްވަރުދީ، އެހީތެރިވުމަށް އަޅުގަނޑުމެން މިއަދު މި ރޯ މަސް ހަދިޔާ ކުރީ، ދުޢާއަކީ ވީއެންމެ އަވަހަކަށް ބާރަށު ރައްޔިތުން އެ ހާލަތުން އަރައިގަނެވޭނެ މަގު މާތްﷲ މިންވަރުފުޅުން ފެނިގެން ދިޔުން'' ވިޝާލް ބުންޏެވެ.

ވިޝާލް ބުނި ގޮތުގައި މިއަދު ބާރަށަށް ހަދިޔާ ކުރި މަހެއްގެ ބަރުދަނުގައި އެވްރެޖްކޮށް ދެ ކިލޯބައި ވަރު ހުންނާނެއެވެ. ޖުމްލަ 1113 ކިލޯ މަސް ބާރަށް ހަދިޔާކުރެވުނު ކަމަށް ވިޝާލް ބުންޏެވެ.

ބާރަށުން 22 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، މިއަދު ވެސް އިތުރު ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މަޢުލޫމާތު ލިބެއެވެ.