ހޯމް ކަރަންޓީނުގައި ތިބި 9 މީހަކު އެއްފަހަރާ ޕޮޒިޓިވްވުމާއި ގުޅިގެން އިއްޔެ ހއ. ބާރަށް މޮނިޓަރިން ހާލަތަށް ގެނެސްފައިވާއިރު، ޕޮޒިޓިވް ކޭހަކާއި ގުޅިގެން މޮނިޓަރިންނަށްލީ ށ. މިލަންދޫން މޮނިޓަރިން އުވާލައިފިއެވެ.

ބާރަށް މޮނިޓަރިން ހާލަތަށް ގެނެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްފެށީ އިއްޔެއެވެ. ރޭ ވެސް އެ މަސައްކަތް ކުރިއަށް ދިޔަ ކަމަށް ހއ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވިއެވެ.

Ad
rt

އެރަށުން ބަޔަކު ޕޮޒިޓިވްވިކަން އެނގުނީ އިއްޔެ ރެޔެއެވެ. އެ އެންމެންނަކީ ވެސް ހޯމްކަރަންޓީނު ނިންމައި، ނެގި ރިލީޒް ސާމްޕަލުން ޕޮޒިޓިވްވި މީހުންނެވެ.

އިއްޔެ ބާރަށުން ވާހަކަ ދެއްކި ބައެއް އާންމުން ބުނިގޮތުގައި އެރަށުން ކޯވިޑަށް ޕޮޒިޓިވްވި މީހުން ތިބީ ކަރަންޓީނުގައި ނަމަވެސް، ''ކަން ހިނގާފައިވާ ގޮތުން'' ގިނަ ޢަދަދެއްގެ ބަޔަކާއި ބައްދަލުވުން އެކަށީގެންވާ ކަމަށެވެ.

ފްބްރުއަރީ މަހު 23 ވަނަ ދުވަހު މިލަންދޫ ހޯމް ކަރަންޓީނުގައި ހުރި މީހެއް ވެސް ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އޭނާއާއި ވެސް 7 މީހަކާ ބައްދަލުވިއެވެ. ނަމަވެސް އެ 7 މީހުންވެސް، އަދި އެރަށުން ނެގި 100 ރޭންޑަމް ސާމްޕަލް ވެސް ވަނީ ނެގިޓިވް ވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިލަންދޫން މޮނިޓަރިން ހާލަތަށް ގެނައީ ފެބްރުއަރީ 25 ވަނަ ދުވަހުއެވެ. އެ ހާލަތު އެރަށުން އުވާލީ އިއްޔެއެވެ.

ރާއްޖެގައި ކޯވިޑްގެ ހާލަތު ގޯސްވެ، މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުން ވެސް ގިނަ ޕޮޒިޓިވް ކޭސްތަކެއް ފެންނަމުން އަންނައިރު އިއްޔެ ވެސް 186 މީހަކު ރާއްޖެއިން ވަނީ ޕޮޒިޓިވް ވެފައެވެ. އެއީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 152، އަތޮޅުތަކުން ޕޮޒިޓިވްވި 23 މީހަކާއި އަދި ރިސޯޓުތަކުން ޕޮޒިޓިވްވި 10 މީހެކެވެ. މިވަގުތު ރާއްޖޭގެ ކޯވިޑްގެ ޖުމްލަ ނަމްބަރަކީ 19،979 އެވެ.

އެ ބަލީގައި ހުސްވި ފެބްރުއަރީގައި ވެސް ރާއްޖެއިން 10 މީހަކު ނިޔާވެފައިވާއިރު، މިހާތަނަށް 54 ދިވެހިންނާއި 8 ބިދޭސީއަކު ވަނީ ނިޔާވެފަ އެވެ.