ހއ. ބާރަށު ހޯމް ކަރަންޓީނުގައި ތިބި 9 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ބާރަށު ހޯމް ކަރަންޓީނުގައި ތިބި ނުވަ މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާކަން ހއ. އަތޮޅު ހޮސްޕިޓަލުން ވަނީ ''ތިލަދުން''އަށް ކަށަވަރުކޮށް ދެއްވާފަ އެވެ.

Ad
rt

އެ މީހުން ޕޮޒިޓިވްވިކަން އެނގުނީ ކަރަންޓީނުގެ މުއްދަތު ހަމަކޮށް، ނެގި ރިލީޒް ސާމްޕަލުންނެވެ. އެ މީހުންގެ ސާމްޕަލް ނެގީ އިއްޔެ ހެނދުނުއެވެ. އެމީހުން ޕޮޒިޓިވްވިކަން އެނގުނީ ރޭގެ ވަގުތެއްގަ އެވެ. މިއީ އެއްކޮށް ކަރަންޓީނުގައި ތިބި ނުވަ މީހުންނެވެ.

އެ ނުވަ މީހުންގެ ތެރޭގައި ޢުމުރުން 70 އަހަރުގެ ހައިރިސްކް މީހެއް ހިމެނޭ ކަމަށް ވެސް ހއ. އަތޮޅު ހޮސްޕިޓަލުން މަޢުލޫމާތު ދެއްވައެވެ.

ބާރަށުން ހޯމް ކަރަންޓީނުގައި ތިބި ނުވަމީހެއް ކޯވިޑަށް ޕޮޒިޓިވްވިއިރު، ރާއްޖެގައި ކޯވިޑްގެ ހާލަތު ގޯސްވެ، މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުން ވެސް އަންނަނީ ގިނަ ޕޮޒިޓިވް ކޭސްތަކެއް ފެންނަމުންނެވެ.

އެ ބަލީގައި ހުސްވި ފެބްރުއަރީގައި ވެސް ރާއްޖެއިން 10 މީހަކު ނިޔާވެފައިވާއިރު، މިހާތަނަށް 54 ދިވެހިންނާއި 8 ބިދޭސީއަކު ވަނީ ނިޔާވެފަ އެވެ.

ހުސްވި ފެބްރުއަރީ މަސް ރެކޯޑް ކުރެވިފައި ވަނީ މިހާތަނަށް އެންމެ ގިނަ ބަޔަކު އެއް މަހެއްގައި ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މަހުގެ ގޮތުގައެވެ. މިހާތަނަށް ރާއްޖެއިން 19،793 މީހުންނަށް ވަނީ އެ ބަލި ޖެހިފައެވެ.