ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުއްޤައްޔޫމް މައްޗަށް އުފުލާފައިވާ ދައުވާއަކީ ފުރަތަމަ ދުވަހުން ފެށިގެން ވެސް ބާތިލް ދައުވާއެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ކައުންސިލުން ފާސްކޮށް، ސީދާ ހަރަކާތަށް ނުކުންނަށް ނިންމައިފިއެވެ.

އެ ކޯލިޝަނުން އިއްޔެ ކުރިއަށް ގެންދިޔަ ކުއްލި ކައުންސިލް ބައްދަލުވުމުގައި ސީދާ ހަރަކާތައް ނުކުތުމަށް ނިންމުމަށް ހުށަހެޅި ގަރާރު ފާސްވެފައި ވަނީ ބައްދަލުވުމަށް ވަޑައިގެންނެވި ކައުންސިލް މެމްބަރުންގެ އައުލަބިއްޔަތުންނެވެ. މިގޮތަށް ނިންމީ ރައީސް ޔާމީނަށް ދަށުކޯޓުން އިއްވާފައިވާ 5 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ދެމެހެއްޓުމުންނެވެ.

Ad
rt

ސީދާ ހަރަކާތުގެ ގޮތުގައި ކުރާނީ ކޮންކަމެއްކަން އެ ކޯލިޝަނުން އަދި ހާމަނުކުރި ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ސީދާ ހަރަކާތްތައް މާލެ އާއި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި މަގުމަތީގައާއި، ކަނޑުމަތީގައާއިވެސް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައި ކަމަށް މައުލޫމާތު ލިބެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުއްޤައްޔޫމް ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގައި ހުކުމް އިއްވައި، އެމަނިކުފާނުގެ މައްޗަށް އެ މައްސަލާގައި ކްރައިމިނަލް ކޯޓުން ކުރިން ކޮށްފައިވާ ހުކުމް ހައިކޯޓުން ވަނީ މިމަހުގެ 21 ވަނަ ދުވަހު ދަމަހައްޓާފައި އެވެ.

އެ ހުކުމް ދެމެހެއްޓުމުން އިދިކޮޅު ކޯލިޝަނުން އެރޭ ވަނީ މާލޭ ސިޓީގައި އިހުތިޖާޖު ވެސް ކޮށްފައެވެ. އަދި އެ ކޯލިޝަނުން ވަނީ ހައިކޯޓްގައި އެދުވަހު ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވުމުގެ ޝަރީއަތުގެ މަޖިލިސް ކުރިއަށް ދިޔަ ވަގުތުވެސް އެ ސަރަހައްދަށް އެއްވެ، އެ ސަރަހައްދުގައި ސުލްހަވެރި އިހުތިޖާޖު ކުރިއަށް ގެންގޮސްފައެވެ.