ކޯވިޑް- 19 އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުންދޭ "އިންކަމް ސަޕޯޓް އެލަވަންސް"ގެ ގޮތުގައި 242.3 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މި ޖެނުއަރީ މަހުގެ 14 ވަނަ ދުވަހާއި ހަމައަށް 17,410 މީހަކަށް އިންކަމް ސަޕޯޓް އެލަވެންސް ދޫކޮށްފައި ވެއެވެ.
ކޯވިޑް-19ގެ ސަބަބުން އާމްދަނީ އަށް އަސަރު ކުރާ މީހުންނަށް ދޭ “އިންކަމް ސަޕޯޓް އެލަވެންސް” ލިބޭނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޯވިޑް-19 އާ ގުޅިގެން އެ ބައެއްގެ ވަޒީފާ އަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކާއި އަމިއްލަ މަސައްކަތްކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޯވިޑް-19 އާ ގުޅިގެން އެ ބައެއްގެ އާމްދަނީ އަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށެވެ.
މި ކަމަށް ސަރުކާރުން އެކުލަވާލާފައިވާ އުސޫލުގައި ބުނެފައިވާ ގޮތުގައި، ވަޒީފާ އިން ވަކިކޮށްފައިވާ މީހުން ނުވަތަ ސަސްޕެންޑްކޮށްފައިވާ މީހުންނާއި ނޯޕޭގައި ތިބި މީހުންނަށް 5،000ރ. އެލަވެންސެއް ލިބޭނެ އެވެ. އަދި މުސާރަ އިން އުނިކޮށްފައިވާ މީހުންގެ ތެރެއިން 5،000ރ. އަށްވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް 5،000ރ. އިން މިހާރު ލިބޭ އަދަދެއް އުނިކުރުމުން ޖެހޭ އަދަދު ލިބޭނެ އެވެ.
ޖޮބް ސެންޓަރުން މިހާރު ވަނީ، 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އިންކަމް ސަޕޯޓް އެލަވެންސަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 31 ގެ ނިޔަލަށް ހުޅުވާލާފަ އެވެ.
އިންކަމް ސަޕޯޓް އެލަވަންސް ދޭން ފަށާފައި ވަނީ ހުސްވި 2020 ވަނަ އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!