"އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޒޯން 1 ގެ (ހއ.، ހދ. ށ.) އަތޮޅުތަކަށް ޙިދުމަތް ދޭން ފެށޭނީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން އެމްޓީސީއާއި އިއްޔެ ވަނީ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

Ad
rt

މިގޮތުން މިމަސައްކަތް އެކުންފުންޏާއި ހަވާލުކުރުމަށް އިއްޔެ ބޭއްވުނު ޙާއްސަ ރަސްމިއްޔާތު ގައި، އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫޤެވެ.

މިރަސްމިއްޔާތައްފަހު އެކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ފެރީ ނިޒާމުން ލުއިފަސޭހަ އަވަސް ޙިދުމަތެއް ދަތުރުކުރާ ފަރާތްތަކަށް ފޯރުކޮށްދޭނެކަމަށާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ގުޅުވާލާ، އެ ރައްޔިތުންނަށް ބޭނުންވާ ޙިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދީ، އެކަމުން ރާއްޖޭގެ އިޤްތިސާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ކުރިއެރުންތަކެއް ލިބި، ސަރަޙައްދީ ގޮތުން ރައްތަކަށް ތަރައްޤީ ލިބިގެންދާނެކަމަށެވެ.

މި މަޝްރޫއުގެ ފުރަތަމަ ވިޔަވައްސަށް ޖުމުލަ 157 މިލިއަން ރުފިޔާ ޚަރަދު ވާނެކަމަށާއި އަދި ޒޯން 1 ގެ ހައި ސްޕީޑް ފެރީ ވިއުގައިގައި ޖުމުލަ 17 ލޯންޗް ބޭނުންކުރެވޭނެކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ. މި ލޯންޗް ތަކުގައި 40-50 ދެމެދުގެ އަދަދަށް ފަސިންޖަރުން އުފުލޭނެކަމަށާއި އެއާކޯން ކުރެވިފައިވާ މިލޯންޗުތައް ހުންނާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އަރާފޭބޭގޮތަށް އަދި ބަލިމީހުން އުފުލުމަށް ވެސް ފަސޭހަވާނެގޮތަށް ފަރުމާކުރެވިފައެވެ.

ލޯންޗް ގެ ސްޕީޑަކީ ގަޑިއަކު 30 ނޯޓިކަލް މޭލެވެ. ލޯންޗުގައި ފާހާނާއާއި ލަގެޖް ބެހެއްޓޭ ޖާގަ ޚާއްސަކުރެވިފައި ހުއްނާނެއެވެ. މިޙިދުމަތް ހަފުތާއަކު 7 ދުވަހު ރައްޔިތުންނަށް ފޯރުކޮށްދޭނެއެވެ.

އެނޫސް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެކުންފުނިން ބުނެފައިވަނީ، "ނޭޝަނަލް ސްޕޭޓިއަލް އެކްޝަން ޕްލޭން (2020-2040) އާއި އެއްގޮތްވާ ގޮތުގެ މަތިން، މި ނެޓްވޯރކްގެ ދަށުން، ރާއްޖެ 6 ސަރަޙައްދަކަށް ބަހާލާއި، ދަތުރުކުރުމަށް ތަފާތު 2 ނެޓްވޯރކެއް ޤާއިމުކުރެވޭނެކަމަށެވެ. މި ނެޓްވޯރކްތަކަކީ ސަރަޙައްދު ތެރޭގައާއި އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް ދެވޭގޮތަށް ޤާއިމުކުރެވޭނެ ނެޓްވޯރކްތަކެއްކަމަށާއި މި ނެޓްވޯރކްތަކުގެ ޒަރީޢާއިން ކަނޑުދަތުރުފަތުރުގެ ޙިދުމަތް އެއްގަމާއި ވައިގެ ދަތުރުފަތުރުގެ ޙިދުމަތާއި ގުޅުވާލަދޭނެކަމަށް ބުނެފައިވެއެވެ.

މިނެޓްވޯރކްގެ ޒަރީޢާއިން ރަށްތަށް ގުޅުވާލަދޭނީ 3 ވަށްތަރެއްގެ ފެރީ ނިޒާމަކުންނެވެ. އެއީ "ކޮމިއުޓް ލިންކް"، "ނޮން- ކޮމިއުޓް ލިންކް" އަދި "ހައިވޭ ލިންކް" އެވެ. އާންމު ދަރުތު ފަތުރުގެ ޚިދުމަތަކީ ރައްޔިތުންނަށް އަތްފޯރާ ފަށުގައި ދެވޭ ޚިދުމަތެއްކަމުން، އެކުންފުންޏަށް މި ޚިދުމަތުންވާ ގެއްލުން ފޫބެއްދުމަށް ސަރުކާރުން ސަބްސިޑީއެއް ހަމަޖައްސަވާ ދެއްވުމަށް ވަނީ އެއްބަސްވެފައިކަމަށް އެކުންފުނިން ބުނެ އެވެ.

ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުންޏަކީ އެމްޓީސީސީއެވެ.