ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކެންޑިޑޭޓުން އިހްތިޔާރުކުރުމުގައި ރައްޔިތުން މިހާރަށްވުރެ ފުންކޮށް ވިސްނުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ސެއިޚް އިލްޔާސް ހުސައިން އިލްތިމާސް ކުރަށްވައިފިއެވެ.

ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ދީނީ ޢިލްމުވެރިންގެ ތެރޭގައި އިސްކޮށް މަސައްކަތްވެސް ކުރަށްވާ ސެއިޚް އިލްޔާސް މި އިލްތިމާސް ކުރެއްވީ ކުރެއްވި ޓުވީޓެއްގައެވެ.

Ad
rt

ސެއިޚް އިލްޔާސް ކުރެއްވި އެ ޓްވީޓެއްގައި ވިދާޅުވީ ފާއިތުވެ ދިޔަތަނުން އިބްރަތް ހާސިލްކޮށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކެންޑިޑޭޓުން އިހްތިޔާރު ކުރުމުގައި ރައްޔިތުން މިހާރަށްވުރެ ފުންކޮށް ވިސްނައި ވަޑައިގަތުމަށް އިލްތިމާސް ކުރަށްވާ ކަމަށެވެ.

ސެއިޚް މި އިލްތިމާސް ކުރަށްވާފައިވާއިރު، ކޯވިޑްގެ ސަބަބުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ވަނީ އެކި ފަހަރުމަތިން ފަސްކޮށްފައެވެ. އަދި ޚާއްސަ ޤާނޫނަކުން ވަނީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަމަހައްޓާފައެވެ.

ކޯވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަންނަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން އިތުރުކޮށްފައިވާއިރު، އެހާލަތު އިތުރުކުރުމުން ގާނޫނީ ޖާގަނެތުމުން އޭޕްރިލްމަހު ބާއްވަން ނިންމި ކައުންސިލްތަކުގެ އިންތިޚާބު އެ މަހު ނުބޭއްވޭނެކަމަށް އީސީއިން ވަނީ ބުނެފައެވެ.

އެންމެފަހުން އީސީއިން ބުނެފައިވާގޮތުން ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުތައް އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު ބޭއްވުމަށް ވަނީ ތާވަލު ކޮށްފައެވެ.