ކޮވިޑް19 ގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރި އެއް ދާއިރާއަކީ ޓުއަރިޒަމްގެ ދާއިރާއެވެ. ބޯޑަރު ބަންދުވެ ފަތުރުވެރިން އައުން މެދު ކެނޑުމާއި އެކު ގިނަ މުވައްޒަފުންތަކެއް ވަނީ ވަޒީފާ ގެއްލިފައެވެ.

ރިސޯޓްތަކުގެ މުވައްޒަފުން މަދު ކުރުމަށްފަހު ބައެއް ރިސޯޓްތައް މަދު މުވައްޒަފުންނާއި އެކު ހުޅުވުމުން މިހާރު މިވަނީ އިތުރު ޝަކުވާތަކެއް ފެންމަތިވެފައެވެ.

Ad
d

ރިސޯޓް ވަޒީފާ ގެއްލި ރަށު ބަންދުގައި ތިބެން ޖެހުމުގެ ޝަކުވާ:

ސޯޝަލް މީޑިއާގައި ފުރަތަމަ އިވެން ފެށި ޝަކުވާ އަކީ ކޮވިޑާއި ގުޅިގެން ރިސޯޓްތައް ބަންދުވުމުން މުސާރަ ދެވޭނެ ގޮތެއް ނެތި ޒަމާންތަކެއް ވަންދެން މަސައްކަތް ކުރަމުން އައި ރިސޯޓްގެ ވަޒީފާއިން ވަކި ކުރާކަމުގެ ޝަކުވާއެވެ. އުމުރުގެ ގިނަދުވަސްތަކެއް ވަޒީފާ އަދާކުރި ރިސޯޓުން ކަނޑާ އެއްލާލީ އެއްވެސް ކަހަލަ ކުލުނެއް ނެތިއެވެ.

ވަޒީފާ އިއާދަ ކުރާނެ ކަމުގެ އުންމީދުގައި އެތައް ދުވަހެއް ވެފައި ތިއްބާ ބޯޑު ހުޅުވާލުމުންވެސް ގިނަ ބަޔަކަށް ވަޒީފާ އަނބުރާ ނުލިބުމުގެ ހިތްދަތި ކަމުގައި ތިއްބާ އިވިގެންދާ ޚަބަރަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާކަމުގެ ވާހަކައެވެ. އެހެންކަމުން ވަޒީފާ ގެއްލި ރަށު ބަންދުގައި ތިބި އެތައް ބަޔަކު އަދިވެސް އުންމީދުގައި ތިބީ އަނބުރާ ރިސޯޓް ވަޒީފާއަށް ނުކުމެވޭނެ ކަމުގައެވެ.

"ކޮވިޑާއި ގުޅިގެން ވަރަށް ހާލުގައި ޖެހިއްޖެ. ވަޒީފާ ގެއްލި ރަށުގައި މިހުރީ. ދަރިންގެ ސުކޫލު ފެށުމާއި އެހެނިހެން ކަންކަމަށް ކުރަންޖެހޭ ހަރަދު ކުރެވޭނެ ގޮތެއް ނެތް. އުންމީދަކީ މިވީހާ ދުވަހު އުޅުނު ރިސޯޓުން އަލުން އަންނާށޭ ކިޔާފަ ގުޅާލާނެ ކަމަށް. އެ ދުވަހުގެ އިންތިޒާރުގައި މިހުރީ"

ވަޒީފާ ގެއްލިފައިވާ ޒުވާނާ އޭނާގެ ޖަޒުބާތު ހާމަކުރީ މިފަދައިންނެވެ.

ރިސޯޓް ހުޅުވާލި އިރު މަސައްކަތުގެ މައިދާނުގައި ތިބި މީހުންގެ ޝަކުވާ:

ރިސޯޓްގައި ވަޒީފާ ނުގެއްލި ރިސޯޓްތަކުގައި ތިބީ ނިސްބަތުން ވަރަށް މަދު ބައެކެވެ. އެމީހުންގެ ޝަކުވާތައްވެސް ވަކި ކުޑައެއް ނޫނެވެ. ބޯޑަރު ހުޅުވާލާ ރިސޯޓްތައް އަލުން މަސައްކަތް ފަށައިގަތީ މަދު މުވައްޒަފުންނާއި އެކުގައެވެ. ރިސޯޓްތަކުގައި މިވަގުތު މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ޝަކުވާ ދާދިފަހުން ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ވަނީ ފުންޏަކަށް އޮއްސާލާފައެވެ.

ޓީމް އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ "ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭއާއި ދުނިޔޭގެ ގައުމުތަކުގެ ބޯޑަރ ބަންދު ކުރުމާއި، ފަތުރުވެރިން އައުން ވަގުތީގޮތުން ހުއްޓާލުމާއި ގުޅިގެން، ރިސޯޓް ތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކުޑަކުރި މުސާރަ މިހާތަނަށްވެސް ގިނަ ރިސޯތް ތަކަކުން (ގާތްގަނޑަކަށް 30%) ރިސޯޓުން އަނބުރާ އިޔާދަކޮށްދިނުމަކާއި ނުލައި 8 ގަޑިއިރު ނުވަތަ އެއަށްވުރެއް އިތުރަށް މުވައްޒަފުން ލައްވައި މަސައްކަތް ކުރުވަމުންދާ" ކަމަށެވެ.

މީގެ އިތުރުން ބައެއް ރިސޯޓްތައް އޮޕަރޭޝަން ފަށާފައިވަނީ އެކަށީގެންވާ މިންވަރަށްވުރެ މަދު މުވައްޒަފުން ލައިގެން ކަމަށް ވާއިރު ގިނަ ވަގުތު މަސައްކަތްކުރުވާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. އަދި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް މަސައްކަތުގެ ބުރަ މާބޮޑަށް ބޮޑުވުމާއި، އެކަށީގެންވާވަރަށް ހުސްވަގުތު ނުދިނުމާއި، އިތުރުގަޑީގެ ފައިސާ ނުދީ މަސައްކަތް ކުރުވަމުން ދާކަމުގެ ކަންބޮޑުވުން ޓީމް އިން ވަނީ ކަމާއި ބެހޭ ފަރާތްތަކަށް ހިއްސާކޮށްފައެވެ.

ކޮވިޑްގެ ބިރުވެރިކަން ޤައުމުން ފިލައިގެން ގޮސްފައި ނުވާއިރު ރިސޯޓް މުވައްޒަފުންގެ ސިއްޙަތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުވުމުގެ ޝަކުވާ އަކީ ވެސް ކުޑަވަރެއްގެ ވާހަކައެއް ނޫނެވެ. ރިސޯޓް ތަކުގައި މަސައްކަތްކުރާ މުވައްޒަފުން އަދި ފަތުރުވެރިންނަށް ކޮވިޑް19 ޖެހޭ މިންވަރުގެ ޗާޓު ކޮންމެ ދުވަހަކު މަތިވެގެން ދިއުމަކީ އެކަށީގެންވާ މިންވަރަށް މޮނިޓަރ ކުރެވެމުން ނުދިޔުމުގެ ނަތީޖާކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

Ad
df

ކޮވިޑާއި ގުޅިގެން ފަތިވެރިކަން ވެއްޓިފައިވާ ބޮޑު އަނދަވަޅުން ޤައުމު ސަލާމަތްވުމަށް ރިސޯޓްތަކުގައި މަސައްކަތް ކުރާ ގިނަ ބަޔެއް ދަނީ ޤުރުބާނީތަކެއް ވަމުންނެވެ. އެއްބަޔަކު ވަޒީފާއިން މަހުރޫވެފައިވާއިރު އަނެއް ބަޔަކު ދަނީ ކޮވިޑްގެ ބިރުވެރިކަމުގެ ތެރޭގައިވެސް ފަތުރުވެރިންނަށް ޚިދުމަތް ދެމުންނެވެ. އެ ޤުރުބާނީގެ އަގު ވަޒަން ކުރަން އޮތް ގޮތަކީ އެދާއިރާގެ ޝަކުވާގެ އަޑު އަހާ އެކަންކަމަށް ހެޔޮ ބަދަލުތަކެއް ލަސްނުކޮށް ގެނެވިގެންނެވެ.